ވޮޝިންޓަން(ޖޫން 23): ދެކުނު ކޮރެޔާއާއެކު އެމެރިކާ ކުރިޔަށްގެންދިޔުމަށް ހަމަޖައްސާފައިވާ ދެބާވަތެއްގެ އަސްކަރީ ތަމްރީންތަކެއް ވަކި މުއްދަތެއްނެތި ހުއްޓާލުމަށް އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ބުނީ މި ދެ ތަމްރީން ހުއްޓާލަން ނިންމީ މިދިޔަ މޭ މަހު ސިންގަޕޫރުގައި ބޭއްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުންގެ ސަމިޓްގައި އެއްބަސްވެ ވަޑައިގެންނެވި ކަންކަމަށް އިޙްތިރާމް ކުރުމުގެ ގޮތުންކަމުގައެވެ.

އެސަމިޓްގައި ޓްރަމްޕްވަނީ ދެކުނު ކޮރެޔާއާއެކު ސިލްސިލާ ގޮތެއްގައި ކޮންމެއަހަރަކު އެމެރިކާ ކުރިޔަށްގެންދާ އަސްކަރީ ތަމްރީންތައް ހުއްޓާލުމަށް ނިންމިކަން އިޢުލާން ކުރައްވާފައެވެ. މިގޮތަށް ނިންމެވީ ދެކުނު ކޮރެޔާއާއެކު އެމެރިކާ ކުރިޔަށްގެންދާ އަސްކަރީ ތަމްރީންތަކަކީ އުތުރުކޮރެޔާއަށް ޖެއްސުންކުރުމާއި ބިރު ދެއްކުމުގެ އަމަލެއްކަމަށްބުނެ އުތުރުކޮރެޔާއިން ކުރާ ތުހުމަތުތައް ގަބޫލުކުރެއްވޭތީ މަސްރަހު ފިނިކުރުމުގެ ގޮތުން ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ޓްރަމްޕާއި ކިމް ޖޮންގް އުންގެ ސަމިޓްގައި އެއްބަސްވެ ވަޑައިގެންނެވި ކަންކަމަށް އަމަލީ ސިފަ ގެނައުމަށްޓަކައި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯގެ ބެއްލެވުމުގެ ދަށުން އުތުރު ކޮރެޔާއާއެކު ވަރަށް ފުޅާ ދާއިރާއެއްގައި ޑިޕްލޮމެޓިކް ހަރަކާތްތަކެއް ފެށުމަށް އެމެރިކާ ތައްޔާރުވަމުން ގެންދާކަން ވައިޓް ހައުސް އިންވަނީ ހާމަކޮށްފައެވެ.

މިކަމަށް ތައްޔާރުވުމުގެ ގޮތުން ޕޮންޕެއޯ ވަނީ އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މާޓިސް އާއި ސިފައިންގެ ކޮމާންޑަރު އަދި ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް ޖޯޒެފް ޑެންފޯރ އަދި ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން އާ ބައްދަލުކުރައްވައި އުތުރުކޮރެޔާއާ ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ޑިޕްލޮމެޓިކް ހަރަކާތްތަކާބެހޭގޮތުން އެބޭފުޅުންގެ ޚިޔާލުފުޅުތައް ހޯއްދަވާފައެވެ.

ޓްރަމްޕާއި ކިމް ޖޮންގް އުންގެ ސަމިޓްގައި އެއްބަސްވެ ވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި އުތުރުކޮރެޔާގައިވާ ނިއުކްލިޔަރ ހަތިޔާރުތައް ނައްތާލުމާއި އުތުރުކޮރެޔާގެ އަސްކަރީ ނިއުކްލިޔަރ ޕްރޮގްރާމް ރޫޅާލުމާއި ދެކޮރެޔާ ދެމެދު ދާއީމީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމާ އުތުރުކޮރެޔާއަށް އިގްތިސާދީ ގޮތުން އެމެރިކާއިން އެހީތެރިވެދިނުމާއި އުތުރުކޮރެޔާގެ ޚުދުމުޚްތާރު ވެރިކަމުގެ ނިޒާމު ހިމާޔަތް ކުރާނެކަމުގެ ޖާމިނުވުން އެމެރިކާ ދިނުން ހިމެނެއެވެ.

ޓްރަމްޕާއި ކިމް ޖޮންގް އުންގެ ސަމިޓަކީ އުތުރުކޮރެޔާއާއި އެމެރިކާގެ އިސްވެރިންގެ މެދުގައި ބޭއްވި ފުރަތަމަ ސަމިޓް ބައްދަލުވުމެވެ. އެހެންކަމުން މި ސަމިޓްވަނީ ތާރީޚީ ސަމިޓެއްގެ ގޮތުގައި ސިފަވެގެން ގޮސްފައެވެ. މިސަމިޓްގައި އުތުރުކޮރެޔާގެ ޚުދު މުޚްތާރު ވެރިކަމުގެ ނިޒާމު ހިމާޔަތް ކުރާނެކަމުގެ ޖާމިނުވުން އެމެރިކާއިން ދީފައިވާތީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ނަމުގައި އެމެރިކާ ދައްކާ ވާހަކަތަކާއި އެކަމަށް އެމެރިކާ ކުރާ ޕްރޮޕަގެންޑާ ތަކުގެ ހަގީގަތާމެދު ވަނީ ސުވާލު އުފެދިފައެވެ.

މީގެއިތުރުން އުތުރުކޮރެޔާ ދުނިޔޭގައި އެކަހެރިވެފައިވާ އެކަހެރިވުން ސަމިޓާ ގުޅިގެން ނިމުމަކަށް އައިސްފައިވާތީ ސަމިޓްގައި އުތުރުކޮރެޔާއަށް އެގައުމުގެ މަގްސަދު ވަރަށް ފަސޭހައިން ހާސިލް ވެގެންދިޔަ ކަމަށްބުނެ އެމެރިކާގެ އެތެރޭންވެސް ވަނީ ޓްރަމްޕަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އުތުރުކޮރެޔާއަކީ އެގައުމު ބޭނުންވާ ކަންކަން ހާސިލް ވެއްޖެނަމަ ނިއުކްލިޔަރ ހަތިޔާރު ނައްތާލަން ކުރިންވެސް އެއްބަސްވެފައިވާ ގައުމެއްކަމުން މިއީ އެސަމިޓްގައި އުތުރުކޮރެޔާ ނިންމި އައު ނިންމުމެއް ނޫނެވެ. ނަމަވެސް އުތުރުކޮރެޔާގެ ޚުދު މުޚްތާރު ވެރިކަމުގެ ނިޒާމު ހިމާޔަތް ކުރާނެކަމުގެ ޔަގީންކަމާއި ޖާމިނުވުން މީގެކުރިން އެމެރިކާ ދީފައެއް ނުވެއެވެ. އަދި އުތުރުކޮރެޔާގެ ލީޑަރާ އެމެރިކާގެ ރައީސުން މީގެކުރިން ބައްދަލުކުރައްވާފައެއްވެސް ނުވެއެވެ. (ނޫސްއެޖެންސީތައް)