ކޯޓުތަކުގެ ގަދަރައި ހައިބަތަށް އުނިކަން ލިބޭނެ ގޮތަށް ފޯރަމްތަކާއި މީޑިޔާގައި ވާކަ ދެކެވެމުން އެބަދާ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބަޔާނެއް ނެރެފި އެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނުބައި ބުނަނީ ގާނޫނު އަސާސީ އާއި ގާނޫނުގައި ކޯޓުތަކުގެ ހައިބަތާއި ކަރާމާތާއި ގަދަރު ކަށަވަރުކޮށްދީފައިވާ ދުސްތޫރީ އަދި ގާނޫނީ ނައްސުތަކަށް އެއްވެސް ބެލުމެއް ނެތި، އާންމު ފޯރަމްތަކުގަ އާއި ހަބަރު ފަތުރާ ވަސީލަތްތަކުގައި ކޯޓުތަކުގެ ހައިބަތާ ގަދަރަށް އުނިކަން ލިބޭ ވާހަކަ އެކި ފަރާތްތަކުން މިހާރަކަށް އައިސް ދައްކާކަން އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ކޮމިޝަނުން ބުނެފައި ވަނީ ކޯޓުތަކުގެ ހައިބަތާ ގަދަރަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ފެތުރުމަކީ ގާނޫނު އަސާސީއާއި ގާނޫނުގެ ހުކުމަށް ބޯ ނުލެނެބުމުގެ ރޫހު ފެތުރުމަށް މަގުފަހިވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އަދި ބުނެފައި ވަނީ ކޯޓުތަކުގެ ހައިބަތާ ކަރާމާތް ގެއްލޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ވާހަކަ ނުދެއްކުމަށާއި އެފަދަ ގޮތަކަށް އަމަލު ނުކުރުމަށެވެ.

"... މިވާހަކަތައް މި ގޮތަށަ ދެއްކުމަކީ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން މި ދިވެހި ވަތަނުގައި ގާއިމު ކުރި ދުސްތޫރީ އަދި ގާނޫނީ ނިޒާމް އޭގެ ޅަފަތުގައި ފުނޑުފުނޑުވެ ވިއްސިވިހާލިވެ މުޅި ގައުމުގައި ދެބަސްވުމާއި އަރައިރުމާއި ފިތުނަ ފަސާދަ އާންމުވެގެން ދިއުމަށް މަގު ފަހިވެގެން ހިނގައިދާނެ ކަމެއްވެސް މެއެވެ." ބަޔާނުގައި ވެއެވެ.

ޖޭއެސްސީން މި ބަޔާން ނެރުނު އިރު ކ. ތުލުސްދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އިބުރާހިމް އިސްމާއިލް )އިބުރާ( އަދުލު އިންސާފުގެ ދާއިރާއާބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކަކީ ގާނޫނު އަސާސީ އާއި ޑިމޮކްރެޓިކް އުސޫލުތަކާއި ހިލާފު، ދައުލަތު އަމާން ކަމާއި ސަލާމަތްތެރިކަން ގެއްލި ގައުމު ހަލަބޮލި ކަމެއްގެ ތެރެއަށް ހިނގައިދާނެ އަމަލެއް ކަމަށް ބުނެ ސުޕްރީމް ކޯޓުން ވެސް ވަނީ މިދިއަ ހަފުތާގައި ބަޔާނެއް ނެރެފަ އެވެ.

އިބުރާ ދެއްކެވި ކަމަށް ބުނާ ވާހަކަތަކުގެ މައްސަލަ ބަލައި ތަހުގީގު ކުރަން ކަމާބެހޭ ފަރާތްތަކުގައި ދެންނެވަށް ނިންމާފައިވާ ކަމަށް އޭރު ޖޭއެސްސީން ވެސް ބުންޏެވެ.