23 Jun 2018, 09:54
ވޯލްޑް ކަޕްގެ ގްރޫޕް "އީ"ގައި ރޭ ކުޅުނު މެޗުގައި ސްވިޒަލޭންޑުން ސާބިއާ ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ.
ސާބިއާގެ އެލެކްސެންޑްރާ މިޓްރޮވިޗް ގޯލެއް ޖަހައިފައި އޮއްވާ ސްވިޒަލޭންޑުން ދެ ގޯލް ޖެހީ ފަހަތުން އަރައެވެ. ސްވިޒަލޭންޑަށް ގޯލްތައް ކާމިޔާބުކޮށްދިނީ ގްރެނިޓް ޒަކާއާއި ޒެރްދާން ޝަކީރީއެވެ.
ރޭގެ މެޗުގައި އެ ދެކުޅުންތެރިންވެސް ޖެހި ގޯލަށްފަހު އުފާފާޅުކުރި އެއް ގޮތަކަށެވެ. ދެ ކުޅުންތެރިންވެސް އަތުން ދެއްކީ ދޫންޏެއްގެ އިޝާރާތެވެ. އެ "ސެލެބްރޭޝަނުން" ދެ ކުޅުންތެރިންވެސް ދައްކާލައިފައި ވަނީ އަލްބޭނިއާގެ ދިދައިގައި ހިމެނޭ ދެ ބޯލި ބާޒެވެ. ދެ ކުޅުންތެރިންގެ "ސެލެބްރޭޝަން"ވެސް ވަރަށް ބޮޑަށް ވަނީ އަލްބޭނިއާއާއި ސާބިއާގެ ސިޔާސީ ވާދަވެރިކަމާ ގުޅިފައެވެ.
ޒަކާގެ ބައްޕައަކީ އަލްބޭނިއާގެ ރައްޔިތެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ސާބިއާގެ ޖަލުގައި ހޭދަޮށްފައިވާ ގައިދީއެކެވެ. ޒަކާގެ ބައްޕަ ސާބިއާގެ ޖަލުގައި ހޭދަކޮށްފައި ވަނީ ސާބިއާ ނިސްބަތްވާ ޔޫގޯސްލޯވިއާގެ އަޅުވެތިކަން ކޮސޯވީގައި އޮތް އިރު، އެކަމާ ދެކޮޅަށް އަޑު އުފުލި މީހުން ތެރޭގައި ހިމެނުމުންނެވެ. ޒަކާގެ މަންމައާއި ބައްޕައަކީވެސް އަލްބޭނިއާގެ ރަތްޔިތުންނެވެ. އޭނާގެ އާއިލާއިން ސްވިޒަލޭންޑަށް ހިޖަރުކޮށްފައި ވަނީ ޒަކާ ވިހެއުމުގެ ކުރިންނެވެ.
ކޮސޯވޯގެ މިލްކުވެރިކަމުގެ މައްސަލާގައި ސާބިއާއާއި އަލްބޭނިއާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވާ އިރު، ސާބިއާއި އަލްބޭނިއާ 2014 ވަނަ އަހަރު ކުޅުނު މެޗެއްވެސް ބޮޑު ހަމަނުޖެހުމަކަށް ގޮސް ހުއްޓާލައިފައިވެއެވެ.
ޝަކީރީއަކީ ކޮސޯވޯގެ ޖިލަންއަށް އުފަން ރައްޔިތެކެވެ. އޭނާގެ ބައްޕަ ކޮސޯވޯއަށް ނިސްބަތްވި ނަމަވެސް އޭނާގެ މަންމައަކީ އަލްބޭނިއާ މީހެކެވެ. ޝަކީރީގެ އުމުރުން ހަތަރު އަހަރު އޭނާގެ އާއިލާއަށް ވަނީ ސްވިޒަލޭންޑަށް ހިޖުރަކުރަން ޖެހިފައެވެ. 2008 ވަނަ އަހަރު ކޮސޯވޯއަށް މިނިވަންކަން ލިބުނު ނަމަވެސް ސާބިއާއިން ވަނީ އެކަން ގަބޫލުނުކުރާނެ ކަމަށް ބުނެފައެވެ.
އިއްޔެގެ މެޗުގެ ކުރިންވެސް ދެޓީމުގެ މެދުގައި އެކަމާ ގުޅިގެން ފީފާއިން ވާހަކަ ދައްކާފައިވާ އިރު، ޝަކީރީއާއި ޒަކާގެ "ގޯލް ސެލެބްރޭޝަން"އަށް ފީފާގެ އަދަބެއް އައުން ގާތެވެ.

ސްވިޒަލޭންޑާއި ސާބިއާ ރޭ ކުޅުނު މެޗަށްފަހު ޝަކީރީ ސެލެބްރޭޓް ކުރަނީ --- ފޮޓޯ/ އޭޕީ
އެހެން ނަމަވެސް ސްވިޒަލޭންޑްގެ ކެޕްޓަން ސްޓެފަން ލިޗްސްޓެއިނާ ވަނީ އެ ދެކުޅުންތެރިންގެ އަމަލުވެސް ދިފާއުކޮށްފައެވެ.
"ރޭގެ މެޗަކޯ ޓީމުގެ ވަރަށް ގިނަ ކުޅުންތެރިންތަކަކަށް އުނދަގޫ މެޗެއް. އަހަރެމެން ޓީމުގައި އަލްބޭނިއާއަށް އުފަން ބައިވެރި ކުޅުންތެރިން އެބަތިބި. އެ ކުޅުންތެރިންނަށް ސާބިއާއާ ދޭތެރޭ ރަނގަޅަކަށް ނުދެކެވޭނެ. އެއީ ހަގީގަތް. އެއީ ތާރީހު. އެކަމެއް ބަދަލެއް ނުކުރެވޭނެ. އެގޮތަށް އަމަލު ކުރުން ރަނގަޅު. އެ ހަނގުރާމައިގެ ކަންކަން އެނގޭ މީހަކަށް އެނގޭނެ ފުޓުބޯޅައަށްވުރެ ބޮޑު ކަމެއްކަން އެ ހަނގުރާމައަކީ. އެ ދެކުޅުންތެރިންނަށްވެސް ހަނގުރާމައިގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވި،" ސްޓިފަން ލިޗްސްޓެއިނާ ބުންޏެވެ.