23 Jun 2018, 10:26
ރާއްޖޭގެ ފުޓުބޯޅަ މިއަހަރުގެ މިޑް ޓްރާންސްފާ ބައްދުވީ ރޭ 12:00 އަށެވެ. "ޑެޑްލައިން ޑޭ" ނުވަތަ ޓްރާންސްފާގެ ފަހު ދުވަހުގައި އަނެއްކާވެސް ވަރުގަދަ ޓްރާންސްފާއެއް ވަނީ ހިނގާފައެވެ.
މިފަހަރު މުޅި ދިވެހި ފުޓުބޯޅައިގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޓްރާންސްފާއެކެވެ. އަލީ އަޝްފާގު (ދަގަނޑޭ) ޓީސީ ސްޕޯޓްސް ކްލަބަށް ސޮއިކުރުމެވެ. މި ސީޒަންގެ މާލޭ ލީގާއި އޭއެފްސީ ކަޕްގައިވެސް ނިއުގެ ކެޕްޓަން ބޭންޑް އަޅައިގެން މޮޅު ކުޅުމެއް ދެއްކި ދަގަނޑޭ ޓީސީއަށް ބަދަލުވުމާއެކު ޓީސީގެ އެޓޭކް ވަނި ވަރުގަދަވެގެން ގޮސްފައެވެ.

ޓީސީއަށް ސޮއި ކުރުމަށްފަހު ދަގަނޑޭ އެ ޓީމުގެ ޖާޒީއާއެކު --- ފޮޓޯ/ ޓީސީ
ވެލެންސިއާއިން 2001 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ދަގަނޑޭ ވަނީ ނިއު ރޭޑިއަންޓަށް ތިން ފަހަރެއްގެ މަތިން ކުޅުމުގެ އިތުރުން މާޒިޔާއާއި ވީބީއަށްވެސް ކުޅެފައެވެ. ރާއްޖޭގެ ފުޓުބޯޅައިގައި ހުރިހާ ކާމިޔާބީތަކެއް ހޯދާފައިވާ ދަގަނޑޭ ވަނީ މެލޭޝިއާގެ ޕްރިމިއާ ލީގުގެ ޕީޑީއާރްއެމްއަށް ވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. އަދި އޭނާ ވަނީ ރާއްޖޭގެ ގައުމީ ޓީމަށް 78 މެޗު ކުޅެ، 52 ގޯލް ޖަހައިދީފައެވެ.
ދިވެހި ފުޓުބޯޅަ ދުށް އެންމެ މޮޅު ކުޅުންތެރިއާ ކަމަށް ގިނަ ބަޔަކު އެއްބަސްވާ ދަގަނޑޭގެ ކެރިއަރުގައި އެންމެ ހާއްސަ ކްލަބަކީ ނިއު ކަމަށް ބުނެވިދާނެއެވެ. ނިއުއާއެކު ދަގަނޑޭ ނުވަ ޓްރޮފީއެއް ހޯދައިފައިވާ އިރު، އޭނާގެ ކެރިއަރުގެ ހޯމް ކަލްބު، ވެލެންސިއާއެކު ހޯދައިފައި ވަނީ އަށް ޓްރޮފީއެވެ.
މިދިޔަ އަހަރު ޕްރިމިއާ ލީގަށް ދަގަނޑޭ ނިއުއާ ގުޅިފައިވާ އިރު، ނިއުއާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އޭނާއަށް މުސާރަ ނުލިބޭ ކަމަށް ބުނެ ދަގަނޑޭ ކޮންޓްރެކްޓް ބާތިލު ކުރުމަށް ހުށަހެޅީ މިދިޔަ ހަފްތާ ތެރޭގައެވެ. އޭނާ ޓީސީއަށް ސޮއި ކޮށްފައި މިވަނީ ނިއު ރޭޑިއަންޓާއެކު އޭނާ ވެފައިވާ އެއްބަސްވުން އެފްއޭއެމް މެދުވެރިކޮށް ބާތިލު ކުރުމަށްފަހުގައެވެ.
އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ނިންމާފައި ވަނީ ނިއުއާއެކު ދަގަނޑޭ ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށާއި، ކޮށްދިން ހިދުމަތަށް އެކަށީގެންވާ އަގު ދަގަނޑޭއަށް ދިނުމަށް ނިއުގެ ފަރާތުން އެދުމަށެވެ.
އެސްޓީއޯ މާލޭ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރި މެޗުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް
ދަގަނޑޭގެ މައްސަލައާ ގުޅިގެން "ސަން ސްޕޯޓްސް"އަށް ވާހަކަ ދައްކަމުން މީގެ ހަތަރު ދުވަސް ކުރިން ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) ވިދާޅުވެފައި ވަނީ ދަގަނޑޭ ކޮންޓްރެކްޓް ބާތިލުކުރަން ހުށަހެޅިކަން ކްލަބަށް އެނގިފައިނުވާ ކަމަށާއި ދަގަނޑޭގެ މުސާރައިގައި އުޅެނީ ކުޑަ ޑިލޭއެއް ކަމަށެވެ.
"އަޝްފާގުގެ ކޮންޓްރެކްޓުގައި މަހުން މަހަށް މުސާރަ ދޭ ގޮތަކަށް ނޫން އޮންނާނީ. ދެ ޕޭމަންޓަކަށް ދޭން އޮންނާނީ. މިދިޔަ އަހަރުވެސް ކުޑަކޮށް ޑިލޭއެއްވި. އެކަމަކު ސީޒަން ނިމުނުއިރު ހުރިހާ ފައިސާއެއް ދީ ހަލާސްކޮށްފައި އޮންނާނީ. މިއަހަރުވެސް ޑިލޭއެއް އެބައުޅޭ. ދަގަނޑޭގެ އެކަންޏެއް ނޫން... އިމްރާންއާއި ސެންޓޭގެ މުސާރާގައިވެސް ޑިލޭއެއް އެބައުޅޭ މުސާރާގައި،" ޓެޑް ވިދާޅުވެފައިވެއެވެ.
މިފަދަ މައްސަލައެއްގައި ދަގަނޑޭ ނިއުއިން ދުރަށްދާން ޖެހުމަކީ އޭނާ އެންމެ ބޭނުންވި ގޮތް ނޫން ކަމަށް ދަގަނޑޭ ވަނީ ބުނެފައެވެ.
"ސަން ސްޕޯޓްސް"އަށް ވާހަކަ ދައްކަމުން ދަގަނޑޭ ބުނީ ނިއުއިން އޭނާއަށް ދޭން ޖެހޭ މުސާރަ ބަރާބަރަށް ނުދިނުމުގެ ސަބަބުން އޭނާގެ ދިރިއުޅުމުގެ ގިނަ ކަންތައްތަކަކަށް ދަތިވެފައިވާ ކަމަށެވެ. އަދި މުސާރަ ނުދީ ގިނަ ދުވަސްތަކެއް ގޮސްފައިވާ އިރުވެސް، އޭނާ ޓީމުގެ މަސްލަހަތަށް ވިސްނައި، މައްސަލަ ފައިލް ކުރުމުގެ ކުރިން ޓީމުގެ މެނޭޖުމަންޓުން އެކަން ހަމަޖައްސައިދިނުމަށް އެދުނު ކަމަށްވެސް ދަގަނޑޭ ބުންޏެވެ.
"ކުޅުމުން ނުފެންނާނެ އެކަމުގެ އެއްވެސް އަސަރެއް. މީޑިއާގައިވެސް ނުދައްކަން އޭގެ އެއްވެސް ވާހަކައެއް. މުސާރު ނުދީ އޮތުމުން ދިރިއުޅުމުގެ ކަންކަން ދަތިވީމަ، މެނޭޖުމަންޓުންވެސް އެދިފަ، އިތުރު އެއްވެސް ގޮތެއް ނެތީމަ އެފްއޭއެމްއަށް މައްސަލަ ލާން ޖެހުނީ،" ދަގަނޑޭ ބުންޏެވެ.
އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އިންޑިއާގެ އައިޒޯލް އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން: 3-1ގެ ނަތީޖާއަކުން މެޗު ކާމިޔާބް ކުރީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ދަގަނޑޭ ބުނެފައި ވަނީ އޭނާ ނިއުގައި ހޯދި ހުރިހާ ކާމިޔާބެއް ހަނދާނުގައި ހުންނާނެ ކަމަށާއި، ކްލަބަށް، ހާއްސަކޮށް ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
"ނިއުގެ ސަޕޯޓަރުންނަށް ހިތުގެ އެންމެ އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރަން. ނިއު ރޭޑިއަންޓާއި ކްލަބަށް އޮތް ލޯތްބާއި އިހުތިރާމް އޮންނާނެ،" ދަގަނޑޭ ބުންޏެވެ.
ޓީސީއަށް ސޮއިކުރުމާ ގުޅިގެން ދަގަނޑޭ ބުނީ އޭނާއަކީ އަބަދުވެސް ދަނޑުމަތީގައި މޮޅުވާން ކުޅޭނެ ކުޅުންތެރިއެއް ކަމަށާއި، ޓީސީގެ ބެޖަށް 100 ޕަސެންޓް ދޭން ތައްޔާރަށް ހުރި ކަމަށެވެ.
"ދުވަހަކުވެސް މެޗަކަށް ނާރާނަން ބަލިވާކަށް. 100 ޕަސެންޓް ދޭނަން ޓީސީއަށްވެސް. އެއީ އަބަދުވެސް ފުޓުބޯޅައިގައި ވިސްނާ ގޮތަކީ. އަބަދުވެސް މޮޅުވާން، ކާމިޔާބު ހޯދާން ކުޅޭނީ،" ދަގަނޑޭ ބުންޏެވެ.
ދަގަނޑޭ ޓީސީ ޖާޒީގައި ކުޅޭ ފުރަތަމަ މެޗުގައި 29 ޖޫންވާ ހުކުރު ދުވަހުގެ ރޭ ނުކުންނާނީ ފ. ނިލަންދުއާ ދެކޮޅަށެވެ.