23 Jun 2018, 00:26
އަލީ އަޝްފާގު (ދަގަނޑޭ) ޓީސީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ، ދަގަނޑޭ ޓީސީއަށް ސޮއިކުރިކަން އެ ކްލަބުން ވަނީ "ސަން ސްޕޯޓްސް"އަށް ކަށަވަރު ކޮށްދީފައެވެ.
ދަގަނޑޭ ނިއުއާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އޭނާއަށް މުސާރަ ނުލިބޭ ކަމަށް ބުނެ ދަގަނޑޭ ކޮންޓްރެކްޓް ބާތިލު ކުރުމަށް ހުށަހެޅީ މިދިޔަ ހަފްތާ ތެރޭގައެވެ. އޭނާ ޓީސީއަށް ސޮއި ކޮށްފައި މިވަނީ ނިއު ރޭޑިއަންޓާއެކު އޭނާ ވެފައިވާ އެއްބަސްވުން އެފްއޭއެމް މެދުވެރިކޮށް ބާތިލު ކުރުމަށްފަހުގައެވެ.
އެފްއޭއެމްއަށް ކޮންޓްރެކްޓް ބާތިލު ކުރުމަށް ދަގަނޑޭ ހުށަހަޅާފައި ވަނީ ނިއުއިން އެއްބަސްވުމާ އެއްގޮތަށް މުސާރަ ނުދޭ ކަމަށް ބުނެއެވެ. އަދި އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ނިންމާފައި ވަނީ ނިއުއާއެކު ދަގަނޑޭ ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށާއި، ކޮށްދިން ހިދުމަތަށް އެކަށީގެންވާ އަގު ދަގަނޑޭއަށް ދިނުމަށް ނިއުގެ ފަރާތުން އެދުމަށެވެ.
ދެހާސް އެއްވަނަ އަހަރު ކްލަބު ވެލެންސިއާއިން ސީނިއާ ކެރިއަރު ފެށި ދަގަނޑޭ ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ތިން ފަހަރެއްގެ މަތިން ކުޅުމުގެ އިތުރުން މާޒިޔާއާއި ވީބީއަށްވެސް ކުޅެފައެވެ. ރާއްޖޭގެ ފުޓުބޯޅައިގައި ހުރިހާ ކާމިޔާބީތަކެއް ހޯދާފައިވާ ދަގަނޑޭ ވަނީ މެލޭޝިއާގެ ޕްރިމިއާ ލީގުގެ ޕީޑީއާރްއެމްއަށް ވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. އަދި އޭނާ އަކީ ރާއްޖޭގެ ގައުމީ ޓީމަށް 78 މެޗު ކުޅެ، 52 ގޯލް ޖަހައިދީފައެވެ.