10 Sep 2011, 15:43
ރާއްޖޭގެ 70 އަށްވުރެ ގިނަ ރަށުގައި ސާފު ބޯފެން ލިބެން ނެތްކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ "މޭރީ ރޮބިންސަން ފައުންޑޭޝަން - ކްލައިމެޓް ޖަސްޓިސް"އިން ބޭއްވި ރަސްމިއްޔާތެއް ޝަރަފްވެރި ކޮށްދެއްވުމަށް ވާހަކަފުޅު ދައްކަވަމުންނެވެ.
މޭރީ ރޮބިންސަން ފައުންޑޭޝަން - ކްލައިމެޓް ޖަސްޓިސް އިން އިންތިޒާމްކުރި، ދުނިޔޭގެ އެކި ޤައުމުތަކުގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވި މިބައްދަލުވުން އޮތީ ލަންޑަންގެ ގްރަންތަމް ރިސާޗް އިންސްޓިޓިއުޓްގައި އިއްޔެ އެވެ.
ރައީސް ވިދާޅުވީ 70 އަށް ވުރެ ގިނަ ރަށަށް ސާފު ބޯފެން ލިބެން ނެތީ ކަނޑުގެ ލޮނުގެ އަސަރު، ރަށްތަކުގެ ފެން ފަށަލައަށް ކުރާ މިންވަރު ބޮޑުކަމުން ކަމަށާއި ރާއްޖޭގައި އެތައް ރަށެއް އޮންނައިރު ކޮންމެ ރަށަކަށް ބޯފެން އުފައްދާނެ ވަސީލަތްތައް ފޯރުކޮށްދިނުމަށްޓަކައި ދައުލަތުގެ ޚަރަދު އެތައް ތަނެއް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖެއަށް އަދި ދިވެހިންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުގެ މައްޗަށް ބައްލަވައިލައްވާ ރައީސް ވިދާޅުވީ ދިވެހިންގެ ދިރިއުޅުންވަނީ ކަނޑުތަކާ ލާމެހިފައި ކަމަށެވެ. ވިދާޅުވީ މޫސުމަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު ރާއްޖެއަށާއި ދިވެހިންނަށް ކުރާ ކަމަށާއި ރާއްޖެއަކީ، ވަރަށް ތިރި ޖަޒީރާ ޤައުމެއް ކަމަށެވެ. އެގޮތުން 2004ގެ ސުނާމީގައި ރާއްޖެއަށް ލިބުނު ބޮޑެތި ގެއްލުންތައް ފާހަގަކުރައްވައި ވިދާޅުވީ އެފަދަ ނުރައްކާތަކުން ރައްކާތެރިވެ ތިބުމަށް މޫސުމަށް އަންނަ ބަދަލުތަކަށް މިހާރަށްވުރެ ބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހިފައިވާ ކަމަށެވެ.
މޭރީ ރޮބިންސަން ފައުންޑޭޝަން-ކްލައިމެޓް ޖަސްޓިސްއަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ކުދި އަދި ފަޤީރު ޤައުމުތަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށްޓަކައި، އަޔަރލޭންޑްގެ ކުރީގެ ރައީސާ މޭރީ ރޮބިންސަން އުފެއްދެވި ޖަމްޢިއްޔާއެކެވެ.