10 Sep 2011, 15:19
ކުޅުންތެރިންގެ ހަޅުތާލާ ގުޅިގެން ފަސްކުރުމަށްފަހު ފެށި އިޓާލިއަން ސެރީ އާ ގެ ފުރަތަމަ މެޗު ލާޒިއޯ އިން ކާމިޔާބު ކުރަން ދަނިކޮށް ފަހަތުން އަރާ ޗެމްޕިއަން އޭސީ މިލާނުން އެއްވަރުކޮށްފި އެވެ. މިލާނުގެ ސެންސީރޯ ސްޓޭޑިއަމުގައި ކުޅުނު މިމެޗު ނިމުނީ 2-2 ލަނޑުން ދެ ޓީމު ހަމަހަމަ ވެގެންނެވެ.
އޭސީ މިލާނާއި ލާޒިއޯ ބައްދަލުކުރި މެޗުގެ ކުރީކޮޅުގައި ލާޒިއޯއިން ދެ ލަނޑުގެ ކުރި އެރުމެއް ހޯދާފައި ވެއެވެ. ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި އެޓީމާއި އަލަށް ގުޅުނު ޖަރުމަން ފޯވާޑް މިރޮސްލާވް ކޮލޯސޭ ޖަހާދީފައި ވަނިކޮށް އޭގެ ނުވަ މިނެޓުފަހުން ޖިބްރީލް ސީސޭ ވަނީ އިތުރު ލަނޑެއް ޖަހާ ލާޒިއޯއަށް ލީޑު ފުޅާކޮށް ދީފައެވެ.
ލާޒިއޯއިން ލީޑު ފުޅާކުރިތާ އަށް މިނެޓްފަހުން އޭސީ މިލާނުގެ ޒްލަޓަން އިބްރަހިމޮވިޗް ލަނޑެއް ޖަހާ ލީޑު ހަނިކުރިއެވެ. މިލަނޑަށް ފަހު މޮޅު ކުޅުމެއް ކުޅެމުން އައި އޭސީ މިލާނުން މެޗުގެ 33 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރިއެވެ. މިލަނޑު އޭސީ މިލާނަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ކަސާނޯ އެވެ. ފުރަތަމަ ހާފުގައި ޖެހި މިލަނޑުތަކާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.
މިމެޗަކީ މޮޅުވެވޭނެ މެޗެއް ކަމަށާއި އަންނަ މެޗުތަކުގައި ޓީމުގެ އަސްލު ކުޅުން ފެންނާނެ ކަމަށް އޭސީ މިލާނުގެ ކޯޗު މަސިމޯ އެލެގްރީ ބުންޏެވެ. މިމެޗުގައި އެކުލަބާއި އަލަށް ގުޅުނު އަލްބާޓީ އަކުއިލާނީ އާއި އެންޓޯނިއޯ ނޮސެރީނޯގެ ކުޅުންވެސް އެލެގްރީ ފާހަގަކުރިއެވެ.
"އަހަރެމެންނަށް މިއަށްވުރެ ރަނގަޅު ކުޅުމެއް ދައްކާ ރަނގަޅު ނަތީޖާއެއް ނެރެވެން ޖެހޭނެ. އަދި އަހަރެންގެ އަސްލު ކުޅުން ފެންނާނެ. އަކުއިލާއާ ނޮސެރީނޯ މިމެޗުގައި ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް." އޭސީ މިލާނުގެ ކޯޗް އެލެގްރީ ބުންޏެވެ.
ސެރީ އާގައި މިރޭ ވެސް މެޗެއް ކުޅުމެއް ހަމަޖެހިފައިވެއެވެ. ސިސޭނާ ގެ އަމިއްލަ ދަނޑުގައި ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 23:45 ގައެވެ.