22 Jun 2018, 19:41
ލީބިއާ ދޫކޮށް ޔޫރަޕަށް އެތެރެވުމަށް މެޑިޓޭރިއަން ކަނޑު ހުރަސްކުރަން މަސައްކަތް ކުރި 215 މީހަކު ދެ ދުވަސް ތެރޭ މަރުވެފައިވާކަމަށް އދ. އިން ބުނެފިއެވެ.
އދ. އިން ބުނީ 100 މީހުންނާއެކު ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި، 95 މީހަކު މަރުވެފައިވާ ކަމަށާއި އަދި 130 މީހުންނާއެކު ދަތުރު ކުރި ބޯޓެއް ބަންޑުން ޖަހާލައި 70 މީހަކު މަރުވެފައިވާ ކަމަށެވެ.
މި ދެ ހާދިސާ ވެސް ހިނގީ ލީބިއާގެ ވެރިރަށް ތްރިޕޯލީ އިން ފުރައިގެން ޔޫރަޕަށް އެތެރެވާން މަސައްކަތްް ކުރަނިކޮށެވެ. މީގެ ތެރެއިން ސަލާމަތް ކުރެވުނު ބައެއް މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ލީބިއާ އިން ޔޫރަޕަށް އެތެރެވާން މަސައްކަތް ކުރުމުގެ ތެރޭގައި މިއަހަރުގެ ފެބްރުއަރީ މަހު 90 މީހުން އަދި އޭޕްރީލް މަހު 11 މީހުން ވަނީ މަރުވެފައެވެ. 2011 ވަނަ އަހަރު އެ ގައުމުގައި ފެށުނި ދާޚިލީ ހަނގުރާމައަށް ފަހު ގައުމު ދޫކޮށް ދާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
މިސްރާ އިންވެގެން އޮންނަ ލީބިއާ އަކީ އެ ސަރަހައްދުގައި ތެލުގެ މުއްސަނދިކަން އެންމެ ބޮޑު ގައުމެވެ. ހަނގުރާމައިގެ ކުރިން ލީބިއާ އަކީ ވަޒީފާ އާއި ފުރުސަތުތައް ބޮޑު ގައުމެކެވެ.