22 Jun 2018, 19:21
ނެމާއާއި ފިލިޕް ކުޓީނިއޯގެ ގޯލުން ކޮސްޓަރީކާ ބަލިކޮށް، ބްރެޒިލުން ގްރޫޕް އީގެ އެއް ވަނައަށް ޖެހިލައިފިއެވެ.
ރަޝިއާގެ ސެއިންޓް ޕީޓާސްބާގް ސްޓޭޑިއަމްގައި ކުޅުނު މެޗު ބްރެޒިލުން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. ބްރެޒިލުން ދެ ގޯލްވެސް ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ.
މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެ ކޮސްޓަރީކާ ކަޓާފައިވާ އިރު، ދެ މެޗުން ހަތަރު ޕޮއިންޓާއެކު ބްރެޒިލް ވަނީ ގްރޫޕް އީގެ އެއްވަނައަށް ޖެހިލައިފައެވެ. މިރޭ 11:00 ގައި އޮންނަ މެޗުގައި އެ ގްރޫޕްގެ ސްވިޓްޒަލޭންޑާއި ސާބިއާ ވާދަކުރާ އިރު، ސާބިއާއިން ދެވަނައިގައި އޮތީ އެއް މެޗުން ތިން ޕޮއިންޓާއެކުގައެވެ.
މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ކޮސްޓަރީކާއިން ވިސްނީ ބްރެޒިލްގެ ވަރުގަދަ އެޓޭކް ހުއްޓުވުމަށެވެ. ހާއްސަކޮށް އެޓީމުގެ ޑިފެންސަށް ގިނަ ކުޅުންތެރިންތަކެއް ފައިބައިގެން ކުޅުނު އިރު، ބްރެޒިލްގެ މިޑްފީލްޑަށް އެޓޭކްތައް އުފެއްދުމަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ކޮސްޓަރީކާއިން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސް ކުރަމުން ދިއުމުގެ ސަބަބުން ވިލިއަން އާއި ފިލިޕް ކުޓީނިއާ ފަދަ ކުޅުންތެރިންގެ ސްޕީޑުގެ ބޭނުން ކުރަން އުނދަގޫވިއެވެ.

ބްރެޒިލާއި ކޮސްޓަރީކާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
މިރޭގެ މެޗަށް ނުކުތް އިރު، ގިނަ ބައެއްގެ ލޯތައް އަމާޒުވެފައި އޮތީ އަނެއްކާވެސް ނޭމާއަށެވެ. ބްރެޒިލްގެ ފަރިތަކުރުންތަކުގައި އޭނާއަށް އަނިޔާވެފައިވާ އިރު، މިއަދުގެ މެޗުގެ ފުރަތަމަ 11އިން އޭނާ ނުފެންނާނެ ކަމަށްވެސް ބައެއް މީޑިއާތަކުން ބުންޏެވެ. އެހެންނަމަވެސް މިއަދުގެ މެޗުގައި އޭނާ ފަށާފައިވެއެވެ.
ފުރަތަމަ ހާފްގައި ނޭމާއަށް ގިނަ ފައުލްތަކެއް ކުރިކަން ފާހަގަކޮށްލެވުނެވެ. ބްރެޒިލުން އެންމެފަހުން ސްވިޓްޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ނޭމާއަށް ވަނީ ރެކޯޑު އަދަދަކަށް ފައުލްކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ބްރެޒިލަށް ލިބުނު އެންމެ އޯޕަން ފުރުސަތުވެސް ލިބުނީ ނޭމާއަށެވެ. ކުޓީނިއޯގެ ތުރޫ ބޯޅައަކަށް ކޮސްޓަރީކާގެ އޭރިއާ ތެރެއަށް އޭނާ ވަން ނަމަވެސް، ނޭމާއަށް ލިބުމުގެ ކުރިން ބޯޅަ އަތުލީ ކީޕަރު ކޭލޯ ނަވާސްއެވެ.
ދެވަނަ ހާފް ފެށިގެންވެސް ބްރެޒިލުން ކުރީ އެޓޭކެވެ. ކޮސްޓަރީކާއިން ކުރީ ޑިފެންސެވެ. ބްރެޒިލުން ހަމަލާއަކަށްފަހު ހަމަލާއެއް އުފެއްދި ނަމަވެސް ރެއާލް މެޑްރިޑްގެ ކީޕަރު ކޭލޯ ނަވާސްގެ ގޯލް ފޫއަޅުވައެއް ނުލެވުނެވެ.
ދެވަނަ ހާފްގެ ކުރީކޮޅުގައި ގެބްރިއަލް ޖެސޫސްގެ ހަމަލާ ގޯލްގެ ހުރަސް ދަނޑިއަށް އަމާޒުވި އިރު، ނޭމާއާއި ކުޓީނިއޯ ފުލުފުލުގައި ފޮނުވާލި ދެ ހަމާލެވެސް މަތަކުރީ ކޭލޯ ނަވާސްއެވެ. ދެވަނަ ހާފަށް ބްރެޒިލަށް ނުކުތީ ވިލިއަންގެ ބަދަލުގައި ޑަގްލަސް ކޯސްޓާއާ އެކުގައެވެ. އަދި ހާފްގެ ވަކި ހިސާބަކުން ޕައުލީނިއޯގެ ބަދަލުގައި ރޮބާޓް ފިރްމީނޯވެސް ވަނީ ކުޅުން ނެރެފައެވެ. މެޗުގެ ފަހު ހާފްގައި ޑަގްލަސް ކޯސްޓާގެ ކުޅުން ފާހަގަކޮށްލެވުނެވެ.

ބްރެޒިލާއި ކޮސްޓަރީކާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
މެޗުގެ 77 ވަނަ މިނެޓުގައި ކޮސްޓަރީކާ އޭރިއާ ތެރެއިން ނޭމާއަށް ޑިފެންޑަރު ކުރި ފައުލަކާ ގުޅިގެން ރެފްރީ ފުރަތަމަ ޕެނެލްޓީ ދިން ނަމަވެސް، ވީއޭއާރްގެ ރިވިއުއަށްފަހު ރެފްރީ ވަނީ ޕެނެލްޓީ ކެންސަލް ކޮށްފައެވެ.
އޭގެ ފަހުންވެސް ބްރެޒިލުން ދިޔައީ ކޮސްޓަރީކާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނޭމާގެ ބާރު ހަމަލާ ގޯލްގެ މަތީ ކަނާ ދިމާއިން ބޭރަށް ދިޔަ އިރު، ބްރެޒިލަށް ކޮސްޓަރީކާގެ ގޯލް ފޫއަޅުވާލެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދިން އިތުރުވަގުތުގެ ތެރޭގައެވެ. އެޓީމަށް ގޯލް ޖަހައިދިނީ ފުރަތަމަ މެޗުގައިވެސް ގޯލް ޖަހައިދިން ކުޓީނިއޯއެވެ.
އޭގެ ފަހުންވެސް ބްރެޒިލުން ކުރި ވަރުގަދަ އެޓޭކުތަކާއެކު ނޭމާ ވެސް އޭނާ މިފަހަރުގެ ވޯލްޑް ކަޕްގައި ޖެހި ފުރަތަމަ ގޯލް ކާމިޔާބުކުރިއެވެ. ޑަގްލަސް ކޯސްޓާގެ ހުރަސް ނޭމާ ގޯލަށް ވައްދާލީ ފަސޭހަ ކަމާއެކުގައެވެ.

ބްރެޒިލާއި ކޮސްޓަރީކާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ދެން އޮތް މެޗުގައި ވާދަކުރާނީ ނައިޖީރިއާއި އައިސްލޭންޑެވެ. އެ މެޗަށްފަހު އޮންނާނީ ސްވިޓްޒަލޭންޑާއި ސާބިއާ ވާދަކުރާ މެޗެވެ.