އިންޑިއާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ނިމުމަކަށް ގެނައުމަށް މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވަން ނިންމާފައިވާ ކަމަށް އިންޑިއާގެ ޚަބަރުތައް ބުނެފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ"ގައި ބުނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގައި ޖެހިފައިވާ ކުނި ފިލުވައިލުމަށް ދެ ގައުމުގެ އިސްވެރިން މަޝްވަރާކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު މިދިޔަ ހަފްތާ ތެރޭ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖުއާ ބައްދަލު ކުރެއްވި ކަމަށާއި ދެ ގައުމުގެ ދިފާއީ ވުޒާރާގެ އިސްވެރިންގެ މެދުގައި ބާއްވާ "މަތީ ފެންވަރުގެ ބައްދަލުވުމެއް" މިމަހުގެ ފަހުކޮޅު އޮންނާނެ ކަމަށް ދަ ހިންދޫގައި ބުނެފައިވެއެވެ.

މި ބައްދަލުވުމަކީ އިންޑިއާ އިން ރާއްޖެއަށް ދީފައިވާ ދެ ހެލިކޮޕްޓަރުގެ މައްސަލާގައި ބާއްވާ މަޝްވަރާތަކެއް ކަމަށް އެނގިފައިވާ ކަމަށް ވެސް ދަ ހިންދޫގައި ބުނެފައިވެއެވެ.

މި ފަހަކަށް އައިސް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ދިވެހިންނަށް އިންޑިއާއަށް ދިއުމުގައި ވިސާގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި، އިންޑިއާގެ މީހުންނަށް ރާއްޖެއިން ވޯކް ވިސާ ނުލިބޭ ކަމަށް ބުނާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. ވިސާގެ މައްސަލަ ހައްލު ކުރަން އިންޑިއާ އިން ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ވެސް އެދިފައެވެ.