ފަރުބަދަތަކުގެ ބިޔަ ވާދީތަކާއި، ހިތްގައިމު ކޯރުތަކުގެ އައްސޭރިއަށްވާގޮތަށް ފެހި ރީތި ވިނަގަނޑުތަކާއެކު ދެކުނު އެމެރިކާ ބައްރުގައި އުފެދިފައި އޮތް އެންމެ ހިތްގައިމު އެއް މަންޒިލަކީ އާޖެންޓީނާއެވެ. ނަމަވެސް މިބުނެވުނު ކަންތައްތަކަށްވުރެ ބޮޑަށް އާޖެންޓީނާ މީހުން ޝައުގުވެރިވާ ކަމެއް އޮވެއެވެ. އެއީ ފުޓްބޯޅައެވެ.

ގާތްގަނޑަކަށް 44 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އާޖެންޓީނާ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ބާރެކެވެ. ނަމަވެސް އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ފަހުން ވާދަވެރި މުބާރާތެއްގެ ތަށީގައި ބީހިލެވިފައި ވަނީ، 1992 ވަނަ އަހަރުއެވެ. އެއީ ކޮޕާ އެމެރިކާ މުބާރާތުގެ ތަށީގައެވެ. އާޖެންޓީނާ ވަނީ މި މުބާރާތުގެ ފައިނަލްގައި 41 ފަހަރު ވާދަކޮށް، ޖުމުލަ 14 ފަހަރު ކޮޕާ އެމެރިކާ ތަށި ހޯދައިފައެވެ.

އާޖެންޓީނާއާއި އައިސްލޭންޑް ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ދެން އޮތީ ކޮންފެޑެރޭޝަން ކަޕެވެ. ވޯލްޑް ކަޕަށް ޓީމުތައް ތައްޔާރުވާ، މި މުބާރާތުގައި ވެސް ތިން ފަހަރަކު ފައިނަލްގައި ވާދަކޮށް އާޖެންޓީނާ ވަނީ އެއްފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ 1992ގައެވެ.

ދުނިޔޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގައި 17 ފަހަރު ވާދަކޮށްފައިވާ އާޖެންޓީނާއިން އެ މުބާރާތުގެ ފައިނަލްގައި ފަސް ފަހަރު (1930، 1978، 1986، 1990، އަދި 2014) ކުޅުނެވެ. އޭގެ ތެރޭން ދެފަހަރު (1978 އަދި 1986) އާޖެންޓީނާއިން ދުނިޔޭގެ އެންމެ ޝަރަފްވެރި މުބާރާތް ކާމިޔާބުކުރިއެވެ.

މިވަގުތު މިހުރިހާ އެންމެންގެ އުންމީދުތައް "ކޮނޑަށްލައިގެން" ހުރި ކުޅުންތެރިއަކީ، ކެޕްޓަން ލިއޮނަލް މެސީއެވެ. ނަމަވެސް މެސީއަށް ގައުމީ ޓީމާއެކު ތައްޓެއްގައި ބީހިލެވިފައެއް ނެތެވެ.

މިއީ އާޖެންޓީނާ ފުޓްބޯޅައިގެ މުހިންމު ބައެއް ވާހަކަތަކެވެ. ފުޓްބޯޅައަށްޓަކައި "މަރުދޭ" ބަޔަކު ދިރިއުޅެމުންދާ މި ގައުމަށް މިފަހަކަށް އައިސް މާކަ ރަނގަޅު ނަތީޖާތަކެއް ނުނެރެވޭތީ މުޅި އާޖެންޓީނާ ވަނީ މާޔޫސްވެފައެވެ. ޚާއްސަކޮށް އާޖެންޓީނާއަށް ސަޕޯޓުކުރާ އެތަކެއް މިލިއަން މީހުން މިހާރުވެސް ކަރުނައަޅާނެކަން ޔަގީނެވެ.

ތަފާތު ސަބަބުތަކާ ހުރެ މެސީއަށް ވަނީ ފާޑުކިޔުންތައް އިތުރުވެފައެވެ. ރަޝިއާގައި މިހާރު ކުރިއަށްދާ ފުޓްބޯޅައިގެ ބޮޑު އީދުގައި އުފާ ފާޅުނުކުރާ ހަމައެކަނި ކުޅުންތެރިއަކީ މެސީއޭ ހީވާހާބޮޑަށް އޭނާ ވަނީ މާޔޫސްވެފައެވެ.

ގައުމުގެ ރައްޔިތުންގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އާޖެންޓީނާ ފުޓްބޯޅަ ޓީމަށް ސަޕޯޓުކުރާ އެތަކެއް ސަޕޯޓަރުންގެ އުންމީދުތަކާ މެދުވެސް އެންމެ ބޮޑަށް ވިސްނާނޭ މީހަކީ ޓީމުގެ ކެޕްޓަން މެސީއެވެ. ބައެއް މީހުން މެސީއަށް އެސްފިނާ ޖެހިފައި ހުރިކަމަށް ބުނާއިރު އަނެއް ބަޔަކު ބުނަނީ މެސީއަކީ ހަމަ އެކަނި ބާސެލޯނާއަށް ފައްކާވެފައި ހުރި ކުޅުންތެރިއެއް ކަމަށެވެ.

ޖޫން 22، 2018: ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި އާޖެންޓީނާއާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: ވިހި އަހަރަށްފަހު ފުރަތަމަ ފަހަރަށް ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ގަދަ 16އަށް -- ފޮޓޯ/ އޭޕީ

މެސީއަށް މިފަހަރު ނަފްސާނީ ގޮތުން އަސަރުކުރާނޭ އެހެން ސަބަބެއްވެސް އެބަ އޮތެވެ. އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާހަކަ މުޅިން ތަފާތެވެ. ޕޯޗްގީޒް ކެޕްޓަން ބޭންޑު އަޅައިގެން މިފަހަރުގެ ވޯލްޑް ކަޕްގައި ރޮނާލްޑޯ ދަނީ މޮޅުކުޅުމެއް ދައްކަމުންނެވެ. ސްޕެއިން ކޮޅަށް ހެދި ހެޓްރިކާއެކު ރޮނާލްޑޯ ވަނީ، މިހާތަނަށް މި މުބާރާތުގައި ހަތަރު ލަނޑު ޖަހައިފައެވެ. ނަމަވެސް މެސީއަށް ލަނޑު ޖަހަން ލިބުނު ސައްތައިންސައްތަ ފުރުސަތު (ޕެނަލްޓީ) ވެސް އޭނާ އަތުން ބޭކާރުވީއެވެ.

ފީފާ ވޯލްޑް ކަޕް 2018 ގްރޫޕް ސްޓޭޖްގެ މެޗުތައް މިހާރު ނިމުމަކަށް ދަނީއެވެ. އާޖެންޓީނާ ހިމެނޭ ގްރޫޕް "ޑީ"ގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގައި އައިސްލޭންޑާ ވާދަކޮށް އެޓީމު ވަނީ 1-1 އިން އެއްވަރުވެފައެވެ. އެއަށްފަހު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުން 3-0 ލަނޑުން ބަލިވެ މިހާރު ވަނީ މުބާރާތުގައި ކުރިއަށް ދިއުމުގެ އަމިއްލަ ބާރު ކެނޑިފައެވެ.

އެންމެ ފަހުން ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ފައިނަލްގައި ލިބުނު ނާކާމިޔާއަށް ފަހު، ކޮޕާ އެމެރިކާގެ ފަައިނަލުންވެސް ބަލިވުމުން މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިއެވެ. ނަމަވެސް ދެވަނަ ފަހަރަށް އޭނާ ގައުމީ ޓީމާ ގުޅުނީ، އޭނާއަށް ފުޓްބޯޅައިގައި ހޯދިފައި ނުވާ ކާމިޔާބީ އަދިވެސް ލިބިދާނޭ ކަމުގެ އުންމީދުގައެވެ.

ރިޕޯޓުތައް ބުނާގޮތުން، އައިސްލޭންޑާ އެއްވަރުވި މެޗަށް ފަހު، އާޖެންޓީނާ ޓީމުގެ ފަރާތުން ބޭއްވި ބާބަކިއުއަށް ވެސް މެސީ ނުދެއެވެ. އޭނާ ކޮޓަރީގައި އެކަނީ އޮތީއެވެ.

އާޖެންޓީނާއާއި އައިސްލޭންޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ސުވާލަކީ މެސީ ހަމަ އެހާ ދަށީހެއްޔެވެ؟ ނޫނީ އޭނާ އެހާވަރަށް މަސައްކަތް ނުކުރަނީ ހެއްޔެވެ؟ ނޫނީ އޭނާއަށް ނަފްސާނީ ބަލިމަޑުކަމެއް ލައިގަތީ ހެއްޔެވެ؟

ޖަވާބު ވަރަށް ސާފެވެ. ފަސް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ މެސީއަކީ އަދިވެސް ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ނަމަވެސް އޭނާއަށް ގައުމީ ޓީމާއެކު އެހާ މޮޅު ކުޅުމެއް ނުދެއްކެނީއެވެ.

ފުޓްބޯޅައިގެ ތަޖްރިބާކާރުން ދެކޭ ގޮތުގައި މައްސަލައަކީ މެސީއެއް ނޫނެވެ. މައްސަލައަކީ އާޖެންޓީނާ ޓީމެވެ. ބާސާގައި މެސީ ކުޅޭފަދަ ހަލުއި ގޭމަކަށް އާޖެންޓީނާގެ ގައުމީ ޓީމް ފައްކާވެފައި ނެތުމުން މެސީއަށް އޭނޭގެ ހުނަރު ދައްކާލެވޭ ގޮތް ނުވަނީއެވެ. އެވާ ބަނޭގާ ނުވަތަ ޖިއޮވަނީ ލޮ ސެލްސޯ ފަދަ މިޑްފީލްޑަރެއްގެ ބޭނުން މެސީއަށް ވަރަށް ބޮޑެވެ.

ވޯލްޑް ކަޕް 2014ގެ ފައިނަލްގައި އާޖެންޓީނާއަށް ކުޅުނު، ޕަބްލޯ ޒަބަލޭޓާ ބުނެފައި ވަނީ، އާޖެންޓީނާ ޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރީންގެ ފަރާތުން އެދެވޭ ހަލުއި ކުޅުމެއް ނުފެންނާތީ މެސީ ބާކީ ވަނީ ކަމަށެވެ.

އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕައުލީގެ ވޯލްޑް ކަޕް ޓީމު ސެލެކްޝަނަށް ވެސް ވަނީ ފާޑުކިއުން އަމާޒުވެފައެވެ. މިދިޔަ ސީޒަންގެ އިޓާލިއަން ލީގުގެ އެންމެ ގިނަ ލަނޑު ޖެހި (29 ލަނޑު) ކުޅުންތެރިޔާ، މައުރޯ އިކާޑީ އާޖެންޓީނާ ސްކޮޑަށް ނަގާފައެއް ނުވެއެވެ. ޔުވެންޓަސްއަށް މިދިޔަ ސީޒަންގައި 22 ލަނޑު ކާމިޔާބުކޮށްދީ މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕައުލޯ ޑިބާލާވެސް ފެނިގެން ދަނީ ބެންޗުންނެވެ.

އިންގްލެންޑުގެ ކުރީގެ ވިންގާ ކްރިސް ވެޑްލް ބުނެފައި ވަނީ، މެސީއާއެކު ޑިބާލާއަށް ފުރުސަތު ދޭނަމަވެސް ރަނގަޅު ކުޅުމެއް މެސީއަށް ދެއްކުނީސް ކަމަށެވެ.

"އެކަމަކު ޑިބާލާ މިފެންނަނީ ބެންޗުން. ކުޅުމުގެ ތެރެއަށް ވަދެގަންނަން އެންމެ މުހިންމު ދަނޑިވަޅުގައި ސަމްޕައޮލީ ހެދި ގޮތަކީ ސާޖިއޯ އަގުއެރޯ ބޭލީ،" ސަމްޕައުލީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ވެޑްލް ބުންޏެވެ.

މެސީ ވަނީ، އާޖެންޓީނާ ގައުމީ ޓީމަށް 126 މެޗު ކުޅެ، 64 ލަނޑު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް ގައުމީ ޓީމާއެކު މިހާތަނަށް އޭނާއަށް އެންމެ ޓްރޮފީއެއްވެސް އުފުލައިލެވިފައެއް ނުވެއެވެ.

ޖޫން 22، 2018: ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި އާޖެންޓީނާއާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: ވިހި އަހަރަށްފަހު ފުރަތަމަ ފަހަރަށް ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ގަދަ 16އަށް -- ފޮޓޯ/ އޭޕީ

އާޖެންޓީނާގެ ލެޖެންޑް ފޯވާޑް ހަނާން ކްރެސްޕޯ ގަބޫލުކުރާ ގޮތުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރީންގެ ތެރޭގައި ހިމެނުމަށް މެސީ ކޮންމެހެން ވޯލްޑް ކަޕް ކާމިޔާބުކުރާކަށް ނުޖެހެއެވެ. ތައްޓެއް ހޯދިޔަސް ނުހޯދިޔަސް މެސީއަކީ މިހާރުވެސް ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.

"ދުނިޔޭގެ އެންމެ މޮޅެތި ކިތައް ކުޅުންތެރީން ވޯލްޑް ކަޕް ކާމިޔާބުކުރީ؟ އަހަރެން ހަނދާނެއް ނުވޭ، ޔޯހަން ކްރައިފް ނުވަތަ މިޝޭލް ޕްލެޓީނީވެސް އެ މުބާރާތް ކާމިޔާބުކުރިކަމެއް،" ކްރެސްޕޯ ބުންޏެވެ.

މިފަހަރުގެ މުބާރާތުގައި އިތުރަށް ކުރިއަށްދާން އާޖެންޓީނާއަށް އޮތީ ހަނި ފުރުސަތެކެވެ. ނައިޖީރިއާ އައިސްލޭންޑް މެޗުގެ ނަތީޖާއަށް ފަހު ދެން އާޖެންޓީނާ ޖެހޭނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ނައިޖީރިއާ ބަލިކުރާށެވެ. ފަހަރެއްގައި މެސީގެ އަތުގައި އަދިވެސް ނަސީބު ހިފައިފާނެއެވެ. ވޯލްޑް ކަޕް އަދި ހަމަ ކުރިއަށް އޮތީއެވެ. އާޖެންޓީނާ ސަޕޯޓަރުންގެ ހުވަފެންތަކުގައި އަދިވެސް ކުލަ ޖެއްސިދާނެއެވެ. ބަލަން ތިބެމާ ހިނގާށެވެ.