ޗުއްޓީގެ ފަރިތަކުރުންތަކުގައި ބައިވެރި ނުވުމުން ފޯވާޑް އާދަމް ލަރީފް )ރޮނާ( އާއި އިސްމާއިލް އިސާ)މެސީ( ކްލަބުގެ ޕްރެކްޓިހުގައި ބައިވެރި ނުވެވޭގޮތަށް ވީބީން ސަސްޕެންޑް ކޮށްފިއެވެ.

ދިރާގު ދިވެހި ލީގުގައި އެންމެ ފަހު ދިޔަ ބްރޭކްގެ ތެރޭ ވީބީގެ ފަރިތަކުރުންތައް އޮތް އިރު މިދެކުޅުންތެރިން ޕްރެކްޓިހަށް ހާޒިރުވެފައެއް ނުވެ އެވެ.

ވީބީ މެނޭޖާ އިބްރާހީމް ރަޝީދު )ސަތޯ( ބުނީ، ކޯޗް ވަންލީގެ އެދުމުގެ މަތިން ރޮނާއާ މެސީ ކުލަބްގެ ފަރިތަކުރުންތަކުގައި ބައިވެރި ނުވެވޭގޮތައް އެއްފަރާތްކޮށްފައިވާ ކަމަށާއި އެގޮތަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި ބައިވެރިވި ރާއްޖޭގެ ޤައުމީ ޓީމަށް ދިން ބްރޭކަށް ފަހު، މިހާރު ކުރިއަށްދާ ދިރާގް ދިވެހި ލީގުގެ ތިން ވަނަ ބުރަށް ތައްޔާރު ވުމުގެ ގޮތުން ޗުއްޓީ ތެރޭގައި ކުރިއަށްދިޔަ ކުލަބްގެ ފަރިތަކުރުން ތަކުގައި ބައިވެރި ނުވެ، މާލެއާ ރާއްޖެ ތެރޭގައި ކުރިއަށް ދިޔަ އެހެން ތިން މުބާރާތެއްގައި އެ ދެ ކުޅުން ތެރިން ބައިވެރި ވުމުން ކަމަށެވެ.

" މެސީއާ ރޮނާއަށް ކުލަބުގެ ފަރިތަކުރުން ތަކުގައި ބައިވެރި ނުވެވޭގޮތަށް ނިންމީ މިފަހަރުގެ ބްރޭކަށް ޗުއްޓީ ދިންފަހުން އެދެ ކުޅުންތެރިން ޗުއްޓީ ތެރޭގައި ފަރިތަކުރުން ތަކުގައި ބައިވެރި ނުވާތީ. އެގޮތަށް ނިންމީ ޓީމްގެ ކޯޗް. ރޮނާ ވެސް މެސީ ވެސް ތިން ހަތަރު މުބާރާތެއް ޕްރެކްޓިސްއަށް ނާއިސް ކުޅެފި. އެއީ މާލޭގަ ބޭއްވި މުބާރާތަކާއި ރަސްދޫގަ ބޭއްވި މުބާރާތަކާ އަދި ގދ. ތިނަދޫގައި އޮތް މުބާރާތެއްގައި،" ސަތޯ ބުންޏެވެ.

ސަތޯ ބުނީ، މެސީއާ ރޮނާއަށް ދެން ކުލަބްގެ ފަރިތަކުރުން ތަކުގައި ބައިވެރި ވެވޭނީ މެނޭޖުމަންޓާއި ކުޅުންތެރިންގެ ފަރާތުން މެސީއާ ރޮނާ މާފަށް އެދުމުން ކަމަށެވެ.
"ކޯޗް ބުނީ މާފަށް އެދެފި ނަމަ އެ ދެކުޅުން ތެރިން ފަރިތަ ކުރުން ތަކުގައި ބައިވެރި ކުރާނެ ކަމަށް،" ސަތޯ ބުންޏެވެ.

ލީގުގެ އެންމެ ފޯރިގަދަ ބުރުގެ ކުޅުން މިހާރު ފަށާފައި ވާއިރު، މިބުރުގެ ފުރަތަމަ މެޗްގައި ވީބީ ވެލެންސިޔާއާ ދެކޮޅަށް ކުޅުނު މެޗްގައި ރޮނާއާ މެސީ އިނީ ދަނޑު ބޭރުގައި ކުޅި ބަލާށެވެ.

ލީގުގެ ފުރަތަމަ ދެބުރުގައިވެސް އެންމެ ކުރީގައި އޮވެ، ތިން ވަނަ ބުރުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވީބީ ކުޅުނު ފުރަތަމަ މެޗްގައި ވެލެންސިޔާއާ އަތުން މޮޅުވީ 3-0 ލަނޑުން ނެވެ.
މިބުރުގައި ވިބީ ކުޅެންޖެހޭ ދެ ވަނަ މެޗްގައި އަންނަ ހޯމަ ދުވަހުގެ ރޭ 9:00 ޖަހާއިރު ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. މިމެޗަށް ނުކުންނަ އިރު މާޒިޔާ އޮތީ މިބުރުގެ ހަތަރު ވަނާގައި އެއް ޕޮއިންޓާއެކު އެވެ. އެކަމަކު ވީބީ އޮތީ ތިން ޕޮއިންޓާއެކު ގްރޫޕްގެ އެއް ވަނަ ގައެވެ.