މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން އައްޑޫ ސިޓީގެ ހުޅުމީދުގައި އަޅާ މަސް ފެކްޓަރީއަށް ފުވައްމުލަކުން މުވައްޒަފުން ނެގުމަށް އެ ރަށުގައި އޯޕަން ޑޭއެއް މިރޭ ބާއްވާ ގޮތަށް ހަަމަޖައްސައިފިއެވެ.

މިފްކޯއިން ބުނީ އެ އޯޕަން ޑޭ އޮންނާނީ މިރޭ 08:30 އިން 11:30 އަށް ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގައި ކަމަށެވެ.

ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިއްޔެއާއި އޭގެ ކުރީ ދުވަހު އައްޑޫ ސިޓީގައި ވެސް ވަނީ އޯޕަން ޑޭ އެއް ބާއްވައިފައެވެ.

މިފްކޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ އައްޑޫގައި ހަދާ ފެކްޓަރީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީ ދިވެހިންނަށް ހެދުން ކަމަށެވެ. އެ ފެކްޓްރީއަށް 80 މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.

މިފްކޯގައި މަސް ފެކްޓަރީ ގާއިމުކުރެވިގެންދާ އިރު އެ ފެކްޓަރީގައި 100 ޓަނުގެ މަސް ގަނެވޭނެ ކަމަށާއި 1500 ޓަނުގެ މަސް ރައްކާކުރެވޭނެއެވެ. އަދި އެ ފެކްޓްރީން 100 ޓަނުގެ އައިސް ވެސް ވިއްކޭނެ ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ އައްޑޫގައި ހަދާ މަސް ފެކްޓަރީގެ މަސައްކަތް މިމަހުގެ 30 ވަނަ ދުވަހަށް ނިންމާލުމަށް މަަސައްކަތް ކުރަމުންގެންދާ ކަމަށެވެ.