22 Jun 2018, 10:10
ބޮލީވުޑް ޖޯޑު ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހް އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބޭރުގެ ޚަބަރުތައް ބުނެފިއެވެ.
އެދެތަރިންގެ ކައިވެނީގެ ވާހަކަތައް ވަރަށް ބާރަށް ދެކެވެމުން އަންނަ ދުވަސްވަރު ދެތަރިންގެ ފޭނުންނަށް ހިނިތުންވުން ގެނެސްދިނީ ދީޕިކާ އަދި ރަންވީރުގެ ކައިވެނި މި އަހަރު ކުރަން އުޅޭ ކަމަށް ބުނުމުންނެވެ.
"އެންމެ ގިނަ ދުވަސް ނެގީ ކައިވެނި ކުރާނެ ތާރީޚެއް ކަނޑައަޅަން. ދެތަރިން ވެސް ބޭނުންވީ ކައިވެނީގެެ ހުރިހާ ކަމެއް ފުރިހަމަކޮށް ކުރިއަށްދާން. އެންމެ އެކަށޭނެ ތާރީޚަކަށް ފެނުނީ ނޮވެމްބަރު 10،" އާއިލާގެ މެންބަރަކު ބޭރުގެ ނޫހަކަށްް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ކައިވެނި ކުރާނެ ތަނެއް އަދި ކަނޑައެޅިފައި ނުވި ނަމަވެސް ގިނަ ރިޕޯޓްތައް ބުނާގޮތުގައި ދެ ފަރާތުގެ އާއިލާއިން ވެސް ނިންމީ އެ ދެތަރިންގެ ކައިވެނި ބެންގަލޫރު ނޫނީ އިޓަލީގައި ބޭއްވުމަށް ކަމަށެވެ.
ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ހުރިހާ އެންމެންވެސް ތިބީ ވަރަށް ހިތްހަމަޖެހިގެން ކަމަށް އާއިލާއިން ބުންޏެވެ.
"އަންހެންވެރިން މިހާރު ވެސް ބާޒާރުކުރަން ފަށައިފި. ރަންވީރު ހުރީ މިކަމާ ވަރަށް ބޮޑަށް އުފާވެސް ވެފައި. ހިތްހަމަޖެހިފައި،"
ރަންވީރު އާއި ދީޕިކާ ލޯބީގެ ގޮތުން ގުޅިފައިވަނީ 2013 ވަނަ އަހަރުގައެވެ.