21 Jun 2018, 19:54
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާ ގުޅޭ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ގައިދީންނަށް ފެށޭ މުސާރައެއްގެ ގޮތުގައި ދުވާލަކަށް 80 ރުފިޔާ ދޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
ރިންގް ރޯޑް މަސައްކަތުގައި ގައިދީން ބައިވެރިކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހައުސިން މިނިސްޓްރީއާ ދެމެދު މިއަދު ވެވުނު އެއްބަސްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަން އަހްމަދު ޝިހާން ވިދާޅުވީ ޖަލުގައި ތިބޭ ގައިދީންގެ ތެރެއިން އެކިއެކި މަސައްކަތްތަކުގައި ބައިވެރިވާ ގައިދީންނަށް ގަވާއިދުން މުސާރަ ދެމުންދާ ކަމަށެވެ.
ޝިހާން ވިދާޅުވީ ގައިދީންގެ ތެރެއިން އަހުލުވެރި މަސައްކަތް ކުރާ ގައިދީންނަށް ލިބޭ މުސާރަ ބޮޑުވާނެ ކަމަށެވެ. އެގޮތުން ރިންގ ރޯޑްގެ މަސައްކަތް ކުރާ ގައިދީންނަށް ފެށޭ މުސާރައެއްގެ ގޮތުން ދުވާލަކަށް 80 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަހުލުވެރި ޕްރޮގްރާމްތަކުގައި ކުރާ މަސައްކަތުގައި ލިބޭ އާމްދަނީ ޖަލުގައި ލިބޭ އަމްދަނީއަށް ވުރެ 33 ޕަސެންޓް ގިނަވާނެ. 33 ޕަސެންޓާއި 100 ޕަސެންޓާއި ދެމެދުގެ އަދަދަކަށް ގިނަވާނެ،" ޝިހާން ވިދާޅުވިއެވެ.
ޝިހާން ވިދާޅުވީ ގައިދީން ޖަލަށް ވެއްދުމަށްފަހު އެމީހާއަކީ ކޮންކަހަލަ ކުށެއް ކޮށްފައި ހުރި މީހެއްތޯ ނުބަލާ ކަމަށާއި ބަލަނީ އެމީހާ ޖަލުތެރޭގައި އަޚުލާގީ މިންގަނޑު ބަލަހައްޓާ ގޮތް ކަމަށެވެ. އެގޮތުން ރިންގް ރޯޑްގެ މަސައްކަތަށްވެސް ނެރެފައިވާ ގައިދީން ތެރޭގައި ހިމެނޭ މީހުންނަކީ އެމީހުން ކުރި ކުށަށް ބެލުމެއް ނެތި އަދި ޖަލުގައި ހޭދަ ކުރި މުއްދަތައް ބެލުމެއް ނެތި މަސައްކަތަށް ނެރެފައިވާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އޭގެތެރޭގައި މަރުގެ ހުކުމް އިއްވާފައި ހުރި މީހަކު ނުހުންނާނެ ކަމަށް ޝިހާން ވިދާޅުވިއެވެ.
ރިންގް ރޯޑް ގެ މަސައްކަތަށް ނެރޭގައިދީން ބައިތިއްބަނީ މާލޭގައި ދާދި ފަހުން ގާއިމުކުރި އަހުލުވެރި މަރުކަޒުގައެވެ. އެ މަސައްކަތުގައި 140 ގައިދީން ދަނީ ބައިވެރިވަމުންނެވެ.