ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިިއިރު 1778 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ، ވޯޓާސް ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން އެންމެ ގިނައީ ވޯޓުލުމުގެ ހައްގު ލިބިފައި ނުވާ 18 އަހަރުން ދަށުގެ ކުދިންގެ ނަން، ލިސްޓްގައި ހިމެނިފައިވާ ކަމުގެ ޝަކުވާއާއި މަރުވެފައިވާ މީހުންގެ ނަން ލިސްޓްގައި ހިމެނިފައިވާ ކަމުގެ ޝަކުވާ ކަމަށެވެ. އަދި އެންމެ ގިނައިން ޝަކުވާ ހުށައަޅާފައިވަނީ އެމްޑީޕީން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، އެ ކޮމިޝަނުން އާންމުކޮށްފައިވާ ލިސްޓަކީ ޑީއެންއާރުގެ ލިސްޓަށް ވާތީ ލިސްޓުގައިވާ ނަން ތަކުގެ ތެރޭގައި މަރުވެފައިވާ މީހުންގެ ނަންތައް ވެސް ހިމެނިފައިވުން އެކަށީގެންވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު އެ ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓާސް ލިސްޓްގައި ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ 26،3183 މީހުންގެ ނަން ހިމަނާފައި ވެއެވެ.