21 Jun 2018, 15:56
ލޯފަން ކުދިންނަށް އަމާޒުކޮށްގެން ތާނަ ބްރެއިލް ތައާރަފްކުރަން ދިވެހި ބަހުގެ އެކެޑަމީއިން ނިންމައިފި އެވެ.
ބްރެއިލްއަކީ ލޮލަށް ފެނުމުން މަހުރޫމު ވެފައިވާ މީހުން ލިޔެ ކިޔުމަށް ބޭނުންކުރާ ރައިޓިންގް ސިސްޓަމެކެވެ.
ދިވެހި ބަހުގެ އެކެޑަމީގެ ނާއިބު ރައީސް ރާފިއާ އަބްދުލް ގާދިދު ''ސަން'' އަށް މައުލޫމާތު ދެމުން ވިދާޅުވީ ބްރެއިލް އަންނަ މަހު 15 ވަނަ ދުވަހު ތައާރަފްކުރަން ނިންމާފައިވާ ކަމަށެެވެ.

ތާނަ ބްރެއިލް އަތުން ލިޔުމަށް ބޭނުން ކުރާ އާލާތެއް--
މިއީ ކުއްލިއްޔަތުލް ދިރާސާގައި ކުރިން މަސައްކަތްކުރެއްވި ލެކްޗަރާއެއް ކަމަށްވާ އަހުމަދު ރަޝީދު އުފެއްދެވި ސިސްޓަމެކެވެ.
އަހުމަދު ރަޝީދު "ސަން" އަށް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ތާން ބްރެއިލް އިން އެއްވެސް ލިޔުމެއް ލިޔެފައި ނުވާ ކަމަށެވެ.
''އެމްބޯސާ ކިޔާ ޕްރިންޓަރެއް ބޭނުންކޮށްގެން ތާނަ ބްރެއިލް މި ޕްރިންޓް ކުރަނީ. ތާނަ ބްރެއިލްގައި ކޮންމެ އަކުރެއްގައި އުފުލިފައި އިންނާނެ ހަ ތިކި. އެ ހަ ތިކި އެކި ގޮތްތޮތަށް 64 ގޮތަކަށް އަތުރާލެވޭނެ." އަހުމަދު ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ ޖުލައި މަހު 15 ވަނަ ދުވަހު ތާނަ ބްރެއިލް ތައާރަފް ކުރާއިރު ތާނަ ބްރިއިލްއިން ލިޔެފައިވާ ދިވެހި ވާހަކަ ފޮތެއް ވެސް ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ތާނަ ބްރެއިލް ޕްރިންޓް ކުރުމަށް ބޭނުންކުރާ އެމްބޯސާ މެޝިން
ތާނަ ބްރެއިލް ތައާރަފްކޮށް އެ ލިޔުމަށް އަހުލުވެރިކުރުމުގެ ގޮތުން ބަހުގެ އެކެޑަމީން ވަނީ ވަނީ މަސް ދުވަހުގެ ކުރު މުއްދަތުގެ ކޯހެއް ވެސް ހިންގުމަށް ނިންމައިފަ އެވެ.
ބަހުގެ އެކަޑަމީން ބުނީ އެ ކޯހަކީ ލޯފަން މީހުންނަށާއި އަދި ލޯފަން ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް އަމާޒުކޮށްގެން ހިންގާ ކޯހެއް ކަމަށެވެ.
އެ ކޯހުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު އަންނަ މަހުގެ 9 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން ބަހުގެ އެކަމަޑީ އަށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ އެކެޑަމީން ބުންޏެވެ.