ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން މިހާރު ފަށައިގެން ކުރިއަށް ގެންދާ "ހިޔާ" މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަންނަ ގަޑިތަކަށް ބަދަލުގެންނަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ހައުސިންގ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަޙްމަދު ފަޒާލް ޙުސައިން ސަންއަށް ވިދާޅުވީ، ފްލެޓަށް އެދޭ ފޯމުތައް ބަލައިގަތުމަށްޓަކައި ދަރުބާރުގޭގައި ކުރިއަށް ގެންދާ "ހިޔާ އެކްސްޕޯ" ހުޅުވާ ގަޑިތަކަށް ބަދަލުގެންނަން ނިންމާފައިވާ ކަމަށެވެ.

"މިނިސްޓްރީން މިހާރު ނިންމާފައި ވަނީ، އަންނަ ހޮނިހިރު ދުވަސް (23 ޖޫން 2018)އިން ފެށިގެން އެކްސްޕޯ ހުޅުވިފައި ހުންނާނީ، ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން 15:00އަށް، 16:00އިން 18:00އަށް އަދި 20:00 އިން 23:00އަށް ކަމަށް،" ފަޒާލް ވިދާޅުވިއެވެ.

"މީގެ އިތުރުން، ކޮންމެ ހުކުރު ދުވަހެއް ބަންދުވާނެ. ހަފްތާގެ އެހެން ހުރިހާ ދުވަހެއްގައިވެސް މައުލޫމާތު ދިނުމާއި ފޯމު ބަލައިގަތުން ކުރިއަށް ދާނެ."

މިއަދާ ހަމައަށް ފޯމު ބަލައިގަންނަމުން ދިޔައީ، ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދު ފަހު 13:30އަށް އަދި ރޭގަނޑު 21:00 އިން 23:00އަށެވެ.

ބޯހިޔާވަހި ކަމުގެ ބިޔަ މަޝްރޫޢު، "ހިޔާ"ގެ ފޯމުތައް ބަލައިގަންނަން ފެށި މި ޖޫންމަހުގެ 3 ވަނަ ދުވަހުއެވެ. އޭރު ގަޑިތައް ކަނޑައަޅާފައި ވަނީ ރޯދަމަހަށް ކަމަށްވާތީ، އަލަށް ގެނައި ބަދަލާއެކު ފޯމު ބަލައިގަންނަ ވަގުތު އިތުރުވެގެން ދާނެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅަން ހަމަޖެހި މިހާރު އަމަލީ މަސައްކަތް ކުރިއަށްދާ 7000 ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައި ވާއިރު، ފޯމުތައް ބަލައިގަތުމަށް ދަރުބާރުގޭގައި 20 ކައުންޓަރެއް ވަނީ ގާއިމުކޮށްފައެވެ. އަދި ނަންބަރު ދޫކުރަނީ ކިއުބީ އެޕް މެދުވެރިކޮށެވެ.