10 Sep 2011, 14:22
ޗެލްސީގެ ތަރި،ސްޕެއިން ފޯވާޑް ފެނާންޑޯ ޓޮރޭސްގެ ފަރާތުން ގޯލުތައް ނުފެނި ޓީމަށް އަސަރު ކުރަމުންދާނަމަ ޓޮރޭސް ބާކީކުރަން ފަސް ނުޖެހޭނެކަމަށް އެ ކުލަބުގެ ޒުވާން ކޯޗު އަންދުރޭ ވިލަސް ބޮއަސް ބުނެފި އެވެ.
މިދިޔަ ޖެނުއަރީ މަހު ޓްރާންސްފާ ޕީރިއެޑްގައި 50 މިލިޔަން ޕައުންޑްގެ ބޮޑު އަގެއްގައި ލިވަޕޫލްއިން ގެނައި ފޯވާޑް ޓޮރޭސް 21 މެޗު ކުޅުނު އިރު ޖެހިފައި ވަނީ އެންމެ ލަނޑެކެވެ. ނަމަވެސް ކޯޗު ވިލަސް ބޮއަސްގެ އުންމީދަކީ ޓޮރޭސް އަލުން ކުރީގެ ކުޅުމަށް އެނބުރި އައުމެވެ.
ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން ލިވަޕޫލަށް ބަދަލުވެ ފުރަތަމަ ސީޒަނުގައި ރެކޯޑެއް ހެދި ޓޮރޭސް ޔޫރޯ ކޮލިފައިންގެ އެންމެ ފަހުން ސްޕެއިން ގައުމީ ޓީމު ކުޅުނު މެޗުގެ ބެންޗުންވެސް ފެނިފައެއް ނުވެއެވެ.
"ބޭނުމީ ހަމައެކަނި ގޯލު ޖަހާ ކުޅުންތެރިއެއް ނޫން. އަމިއްލައަށް ގޯލު ޖެހުމަށް ފުރުސަތު ހޯދާ ކުޅުންތެރިން ވެސް ބޭނުންވޭ. ޓޮރޭސް އެބަ އެކަން ކުރޭ. ނަމަވެސް ޓީމަށް އަސަރުކުރާނަމަ، ކުޅުންތެރިއެއް ޓީމުން ބާކީ ކުރުން އެއްވެސް މައްސަލައަކަށް ވެގެނެއް ނުދާނެ." ވިލަސް ބޮއަސް ބުންޏެވެ.
ޕްރެމިއާ ލީގުގައި މިމަހު 18 ވާ އާދީއްތަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޗެލްސީއިން ނުކުންނަ މެޗުގެ ކުރިން، ނުރައްކާތެރި ފޯވާޑު ޑްރޮގްބާގެ އަނިޔާ ރަނގަޅުވެ، ޓޮރޭސްގެ މޮޅު ކުޅުން ދައްކަމުންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ކޯޗް ވިލަސް ބޮއަސް ބުންޏެވެ.
"ކުޅުނު 21 މެޗުން އެންމެ ގޯލެއް ޖެހުމުން ޓޮރޭސްގެ ކުޅުން އެ ގެއްލުނީކީ ނޫން. ހުނަރުތައް އަދިވެސް ދައްކާލެވިދާނެ. ޓޮރޭސްގެ ގާބިލުކަން އަދިވެސް އޭނާއަށް ދެއްކިދާނެ." ކޯޗު ބުންޏެވެ.
ސްޕެއިންގެ މިޑްފީލްޑަރު ހުއާން މަޓާ ޗެލްސީއާ ގުޅުމުން ޓޮރޭސްގެ ކުޅުން އެނބުރި ގެނެވޭނެކަމަށް އޭނާ އުންމީދުކުރެ އެވެ. މަޓާ ވަނީ ކުޅުނު ފުރަތަމަ މެޗުގެ އެންމެ ފަހު މިނެޓުގައި ޗެލްސީއަށް ލަނޑެއް ކާމިޔާބުކޮށްދިނުމުގެ އިތުރުން ލަނޑު ނުޖެހުމުގެ ސިލްސިލާ ނިންމައިލަން ޓޮރޭސް އަށް އޭނާގެ ސްޓައިލްގެ ފުރުސަތެއް ތަނަވަސް ކޮށްދީފަ އެވެ.