ނ. މާފަރުގައި ސަރުކާރުން ތަރައްގީ ކުރާ އެއާޕޯޓުގެ މަސައްކަތް ނިންމައި އަންނަ މަހު ޓެސްޓް ފްލައިޓްތައް ޖައްސަންފަށާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ސިންގަޕޫރުގެ ޓަފް އޮފް ޝޯ ކުންފުންޏާ ހަވާލުކޮށްގެން ޔޫއޭއީގެ އެހީގައި، ނ. މާފަރުގައި ތަރައްގީކުރާ އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު ފަހުކޮޅުގައެވެ.

މާފަރު އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެ ރަށަށް ޒަމީރު ކުރެއްވި ދަތުރުފުޅަށްފަހު ވިދާޅުވީ އަންނަ މަހު އެ އެއާޕޯޓުގެ މަސައްކަތް ނިމޭވަރު ވާނެ ކަމަށާއި އަދި ޓެސްޓް ފްލައިޓްތައް އަންނަ މަހު ޖައްސާނެ ކަމަށެވެ. އަދި ވިދާޅުވީ އެ އެއާޕޯޓް ރަސްމީކޮށް ބޭނުން ކުރެވޭ ވަރު އޮގަސްޓް މަހުގެ ތެރޭގައި ވާނެ ކަމަށެވެ.

މާފަރު އެއާޕޯޓްގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށްދާއިރު މިނިސްޓަރު ޒަމީރު ވިދާޅުވީ މަސައްކަތުގެ ސްޕީޑަށް އޮތް ހުރަހަކީ މޫސުން ކަމަށާއި ނަމަވެސް މިހާރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

މާފަރު އެއާޕޯޓްގައި އަޅާ ރަންވޭގައި ތާރު އެޅުމުގެ ކުރިން އަޅާ ފަށަލައިގެ މަސައްކަތް މިހާރު ކުރެވެމުންދާއިރު އެ މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމުމަކާއި ގާތްވެފައެވެ. އަދި ކުރިއަށް އޮތް ފަސް ދުވަސް ތެރޭގައި ތާރު އެޅުމުގެ މަސައްކަތް ފަށާނެއެވެ. އެ މަސައްކަތް ނިމޭނީ އަންނަ މަހުއެވެ.

މާފަރުގައި ތަރައްގީ ކުރާ އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭ 2،200 މީޓަރުގެ ރަންވޭއަކާއި ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރެވޭ އެއާޕޯޓެކެވެ.

މި އެއާޕޯޓުގައި ޕެސެންޖަރު ޓާމިނަލްގެ އިތުރުން ވީިވީއައިޕީ ޓާމިނަލްއަކާއި ޖެޓް ޕާކިންގް ފެސިލިޓީޒް ހިމެނޭނެއެވެ.