ބްރިޖާ ދިމާލުން އޮންނަ ހުޅުލޭ އެއާޕޯޓުގެ މައި މަގުގެ ބައެއް ބަންދުކޮށް، އެ ދިމާލުން އާ މަގެއް ހަދައި ހުޅުވާލައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މިހާރު އޮތް ރަންވޭގެ ދެކުނުގައި ހަދައި އިއްޔެ ހުޅުވި 1200 މީޓަރުގެ ދިގު މަގު ވެގެންދާނީ އެއާޕޯޓްގެ މައި ލޭންޑްސައިޑް މަގަށް ކަމަށެވެ.

އެގޮތުން ހުޅުމާލެއިން އެއާޕޯޓަށް ކުރާ ދަތުރުތަކަށާއި ހުޅުލޭ މައި ޓާމިނަލުން ސީޕްލޭން ސަރަހައްދަށް ކުރާ ދަތުރުތަކުގައި ވެސް މީގެ ފަހުން ދެން ބޭނުން ކުރަމުންދާނީ އަލަށް ހެދި މަގު ކަމަށެވެ.

ނަމަވެސް ބްރިޖާ ގުޅުވާލައިގެން ހަދާ ބޮޑު މަގު ނިމެންދެން އިއްޔެ ހުޅުވި މަގު، އެއާޕޯޓަށް ދަތުރުކުރާ އާންމު ވެހިކަލްތަކަށް ވަގުތީ ގޮތުން ބޭނުން ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އަންނަ މަހުގެ 26ގައި ހުޅުލެ-މާލެ ގުޅުވާލައިގެން ހަދާ ބްރިޖު ހުޅުވޭނެ ކަމަށް ސަރުކާރުން ބުނާ އިރު، ބްރިޖާ ގުޅުވައިގެން ހުޅުލެއިން ފެށިގެން ހަދާ ލިންކު ރޯޑުގެ މަސައްކަތް ބްރިޖް ނިމެންވާއިރަށް ނިންމުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އަމާޒު ހިފައިފަ އެވެ.

ޗައިނާގެ ހުނާން އިންޖިނިއަރިންއާ ހަވާލުކޮށްގެން ހަދާ އެ ހައިވޭ އަކީ ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރާ ހަތަރު ކިލޯ މީޓަރު ދިގު އަދި ވެހިކަލް ދަތުރުކުރަން ހަތަރު ލޭން އޮންނަ މަގެކެވެ.