ހިރިޔާ ސްކޫލްގެ ހަތަރު ދަރިވަރުންނާއި ޕްރިންސިޕަލްގެ އަލީ ނާޒިމުގެ ހިތާމަވެރި މަރުގެ ހާދިސާ އާ ގުޅިގެން ދިވެހި ރައްޔިތުންގެ ޕާޓީ )ޑީއާރުޕީ( އާއި ޖުމްހޫރީ ޕާޓީ އިން ތައުޒިޔާ ކިޔައިފި އެވެ.

ޑީއާރުޕީން އިއްޔެ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހުރާ ހާދިސާގައި ނިޔާވި ދަރިވަރުންނާއި ޕްރިންސިޕަލްގެ އާއިލާތަކަށް ކެތްތެރިކަމާއި ދަރުމަ އާއި ރަހްމަތްލެއްވުން އެދޭ ކަމަށާއި ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ޑީއާރުޕީގެ ޕާލިމެންޓްރީ ގްރޫޕާއި އެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތައުޒިޔާ ކިޔާ ކަމަށެވެ.

ހުރައަށް ފިޝަރީޒް ސައިންސް ފީލްޑް ޓްރިޕްގައި ގައި ގޮސް އުޅެނިކޮށް ހިރިޔާސްކޫލްގެ ހަތަރު ދަރިވަރުންނާއި އެ ސްކޫލްގެ ޕްރިންސިޕަލްގެ މަރުވި ހިތާމަވެރި ހާދިސާގައި ބައިވެރިވުމުގެ ގޮތުން ގައުމީ ދިދަ ބައިދަނޑީގައި ހުންނައިރު ޑީއާރުޕީގެ ދިދަވެސް ބައިދަނޑީގައި ބެހެއްޓުމަށް ވަނީ ނިންމާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ޖުމްހޫރީ ޕާޓީން ވެސް ވަނީ ހުރާ ހާދިސާގައި ނިޔާވި ހަތަރު ދަރިވަރުންނާއި ޕްރިންސިޕަލްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޔުމަތް ދެއްވުން އެދޭކަން ފާޅުކޮށް ތައުޒިޔާގެ ބަޔާނެއް ނެރެފަ އެވެ.

އޭ ބަޔާނުގައި ބުނެފައި މަދްރަސީ ހަރަކާތްތައް ރާވައި ހިންގުމުގައި ސަލާމަތާ ރައްކާތެރިކަމުގެ މާހައުލެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ކަމާބެހޭ ހުރިހާ ފަރާތްތަކުން ދިނުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ކިޔަވާ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ހަދަން ކުރީގެ ސަރުކާރުން ފެށި ޕްރޮގްރާމް އަލުން ކުރިއަށް ގެންދަން އިލްތިމާސް ކުރާކަމަށެވެ.