19:00


ގުއަންޓަނާމޯބޭ ޖަލުގެ ބައެއް ޤައިދީން ރާއްޖެ ގެނައުމާ ބެހޭ މައްސަލައިގައި ސުވާލު ކުރުމަށް ސޮލިސިޓަރ ޖެނެރަލް އަލްއުސްތާޛް އަބްދުﷲ މުޢިއްޒާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީޙާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް މިއަދު ހާޒިރު ކުރައްވައިފި އެވެ.


ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ މި ބައްދަލުވުމަކީ، ގުއަންޓަނާމޯބޭ ޖަލުގެ ބައެއް ޤައިދީން ރާއްޖެ ގެނައުމަށް ރާއްޖޭގެ ސަރުކާރާއި އެމެރިކާގެ ސަރުކާރާއި ދެމެދު އެއްބަސްވުންތަކެއް ވެވިފައިވާކަމުގެ މަޢުލޫމާތު ލިބިވަޑައިގެން އެކަމުގެ ޙަޤީޤަތަކީ ކޮބައިކަން ބައްލަވައި ދެއްވުމަށް އެދިވަޑައިގެން ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާ ކުރެއްވުމަށްޓަކައި ބޭނުންވާ ބައެއް މަޢުލޫމާތު ސަރުކާރުގެ ބައެއް އިދާރާތަކުން ހޯއްދެވުމަށް އެކޮމިޓީއަށް ސަރުކާރުގެ ބައެއް އިސްވެރިން ހާޒި ކުރައްވައިގެން މައްސަލަ ކުރިއަށް ގެންދިޔަ ފަސް ވަނަ ބައްދަލުވުމެވެ.


މިއަދުގެ ބައްދަލުވުމާބެހޭ އެއްވެސް ތަސްފީލެއް އެ ކޮމިޓީން ހާމައެއް ނުކުރި އެވެ.


މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަޙްމަދު ނަސީމާއި ޑެޕިއުޓީ އެޑިޝަނަލް ސެކްރެޓަރީ އައިޝަތު ލިޔުޝާ ޒާހިރުގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އައްޝައިޙް އިލްޔާސް ޙުސައިން އިބްރާހީމް ހާޒިރުވެވަޑައިގެން ބައެއް މައުލޫމާތުތައް ވަނީ ދެއްވައިފަ އެވެ.


ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ މުގައްރިރު މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، ކަމާބެހޭ މައުލޫމާތު ސާފުކުރެއްވުމަށް ހޯމް މިނިސްޓަރ މުހައްމަދު ޝީހާބާއި، އެޓާނީޖެނެރަލް ހުސްނުސުއޫދު ވެސް ކޮމިޓީއަށް ހާޒިރު ކުރަންޖެހިދާނެ ކަމަށެވެ. ނަމަވެސް ދެން އޮންނަ އެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ކޮންބައެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް 10 މެންބަރުން ޚާޒިރުވެވަޑައިގެންނެވި ކަމަށެވެ. އަދި ރިޔާސަތު ބެލެހެއްޓެވީ ކޮމިޓީގެ މުޤައްރިރު ޢަބްދުﷲ ޔާމީން ކަމަށާއި، ކޮމިޓީގެ ބައްދަލުވުން ދެން އޮންނާނީ މާދަމާ ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ބުނެ އެވެ.