10 Sep 2011, 13:58
ކ. ހުރައާއި ފޯސީޒަން ކުޑަ ހުރާ ރިސޯޓުގައި މިއަދު ހިތާމައިގެ ސުކޫތެއް ގެނެސްފި އެވެ.
މިއަދު މެންދުރު 12:00 ޖެހިއިރު ހުރާގައި ސުކޫތެއް ގެނައޫ ހިރިޔާ ސްކޫލްގެ 32 ދަރިވަރުންނާއި ޓީޗަރުންތަކެއް އިއްޔެ ހުރާގެ ކޭމްޕަށް ގޮސް އުޅުމުގެ ތެރޭ ހަތަރު ދަރިވަރުންނާއި ޕްރިންސިޕަލް އަލީ ނާޒިމް ވަނީ މޫދަށް ގެނބިގެން މަރުވުމާ ގުޅިގެނެވެ.
ހުރާ ކައުންސިލުގެ ނައިބު ރައީސް އީސާ އަހުމަދު ވިދާޅުވީ އިއްޔެ ހިތާމެވެރި ހާދިސާއަށް ފަހު، ހިތާމައިގެ ހަމަހިމޭން ވަގޮތުކޮޅެއް ރަށުގައި މިއަދު ގެނައިއިރު އެ ރަށުގައި މިވަގުތު ދިރިއުޅެމުންދާ 2000 އަށް ވުރެ ގިނަ މީހުން އެ ސުކޫތުގައި ބައިވެރިވި ކަމަށެވެ. ހުރާ ރައްޔިތުންނާއެކު ކައިރީގައި އޮންނަ ރިސޯޓު ފޯސީޒަން، ކުޑަ ހުރާގައި ވެސް އެ ގަޑީގައި ހަމަހިމެނޭ ވަގުތުކޮޅު ގެނައި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިއަތޮޅު އެހެން ރަށްރަށުގައި ވެސް ސުކޫތެއް ގެނައި. މިރަށުގެ ރަޖިސްޓަރީގައި އުޅެނޯ 800 އަށް ވުރެ ގިނަ މީހުން. އެކަމަކު މިރަށުގައި ދިރިއުޅޭ 2000 އަށް ވުރެ ގިނަ މީހުން. އެ އެންމެން ވެސް ކުޑަކުއްޖެއް އިސްތިސްނާ ނުވެ އެމީހަކު ތިބިތަނެއްގައި ހަމަހިމޭން ކަމުގެ ސުކޫތެއް ގެނައި،" އީސަ ވިދާޅުވި އެވެ.
އީސަ ވިދާޅުވީ ހުރާ އަދިވެސް އޮތީ އިއްޔެ ހިތާމަވެރި ހާދިސާގެތެރޭ މަޔޫސްވެފައި ކަމަށައި ރަށުން ހިތާމަވެރިކަން ފިލައިގެން ނުދާ ކަމަށެވެ.
ހިރިޔާ ދަރިވަރުން ހުރައަށް ދިޔައީ ފިޝަރީޒް ސައިންސް ޕްރޮޖެކްޓެއް ފުރިހަމަ ކުރުމަށެވެ.