މާލޭ ދަފްތަރުގައި ތިބި މީހުނަށް ވެސް އެ މީހަކު ބޭނުން އަވަށަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަނުގެ މެމްބަރު އަދި ސްޕޯކްސް ޕާސަން އަހްމަދު އަކްރަމް ވިދާޅުވީ ސުޕްރީމް ކޯޓުން ނެރެފައިވާ ގައިޑް ލައިންގައިވާ ގޮތުން ދަފްތަރުގައި ތިބި މީހުން ވޯޓުލުމަށް މާލޭގެ ހުރިހާ ދާއިރާތަކަށް ބަހާލަށް ޖެހޭ ކަމަށެވެ. އެގޮތަށް އަމަލުކުރުމުން ހުޅުމާލޭގައި ދިރިއުޅޭ ދަފްތަރުގެ މީހުން ވިލިމާލެއަށް ވޯޓުލާން ޖެހުމަކީ ވެސް ވެދާނެ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުން ތަކުލީފެއް އުފުލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ގާނޫނީ ލަފާ ހޯދުމަށްފަހު ދަފްތަރުގައި ތިބޭ މީހުންނަށް ފަސޭހަކަމާއެކީ ވޯޓުލެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު އެ މީހުންނަށް ޚާއްސަކޮށް ހުޅުވާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އަކުރަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަދި ފައިނަލް ކުރުމަށްފަހު އެކަން އިއުލާން ކުރާނަން. ދަފްތަރުގައި ތިބި މީހުނަށް ރީ ރަޖިސްޓްރޭޝަން ކުރުމުގެ ފުރުސަތު ހުޅުވާލެވޭތޯ. ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު އަދި ގައުމީ ލަފާ ދޭ ކޮމެޓީގައި މިހާރު ވަނީ މަޝްވަރާކޮށްފައި،" އަކްރަަމް ވިދާޅުވިއެވެ.

އެގޮތަށަ ހަމަ ޖެއްސުމުން އަންނަ މަހުގެ 17 ގައި ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލުމުން ދަފްތަރުގައި ތިބި މީހުންނަށްވެސް އެ މީހަކު ވޯޓްލާން ބޭނުންވާ ފޮއްޓަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރޭގެ 10:30 އަށް ހަމަވެފައިވާއިރު މިއަދުގެ އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް 1089 ޝަކުވާ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އެ ޝަކުވާތަކަށް ފަސް ދުވަސް ތެރޭގައި ޖަވާބެއް ދިނުމަށްފަހު އަންނަ މަހުގެ އެއް ވަނަ ދުވަހު އިސްލާހުކުރި ވޯޓާސް ލިސްޓް އާންމު ކުރާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ. އެ ލިސްޓަށް އިސްލާހު ހުށަހެޅުމަށް ދިހަ ދުވަސް ދިނުމަށްފަހު ޖުލައި މަހުގެ 12 ވަނަ ދުވަހު ފައިނަލް ލިސްޓް އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.