20 Jun 2018, 23:26
އިބްރާހީމް ޝިހާބު ވާދައިގެ ތައްޓަށް ބާއްވާ ގައުމީ ވާހަކަ ދެއްކުމުގެ 33 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިއީ އޮފީސް، ކުންފުނި، ކުލަބު، ޖަމުޢިއްޔާ އަދި ޖަމާއަތްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.
ދިވެހި ބަހުގެ އެކެޑަމީން ސަރުކާރުގެ ގެޒެޓުގައި މިއަދު އާންމުކުރި އިއުލާންގައި ބުނީ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އަންނަ އާދިއްތަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެެވެ.
އޮފީސް، ކުންފުނި، ކުލަބު، ޖަމުޢިއްޔާ އަދި ޖަމާއަތްތަކަށް ކުރިން ނިންމާފައި އޮތީ ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގެ ކެޓަގަރީއެއްގެ ގޮތުގައި ކުރިއަށް ގެންދާ ގޮތަށެވެ. ނަމަވެސް ފަހުން ވަނީ އެ ކެޓަގަރީ ބަހުސް މުބާރާތަކަށް ބަދަލުކޮށްފައެވެ.
ބަހުގެ އެކެޑަމީން މިހާރު ނިންމާފައިވަނީ ބަހުސް މުބާރާތާއި އަދި ވާހަކަ ދެއްކުމުގެ މުބާރާތް އަންނަ މަހު ތިން ވަނަ ދުވަހު ބާއްވާ ގޮތަށެވެ.
ބަހުގެ އެކެޑަމީން ބުނީ ބަހުސް މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ފޯމާއި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ.