ބޯހިޔާވަހިކަމުގެ މައްސަލަ ދިވެހީންނަށް ކުރިމަތިވެފައިވާ އަސާސީ އެންމެ ބޮޑު މައްސަލައެވެ. ބޯހިޔާވަހިކަމުގެ ފުރުސަތެއް ހުޅުވާލާއިރަށް އެކަމަށް އެދި ދަމާލާ ދިގު ކިއުތަކާއި ފޯމު ހުށަހަޅަން ތޮއްޖެހޭ މީހުންގެ އަދަދުން މިކަން ސާބިތުވެއެވެ.

މިއަދު ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރާ ކަމަކީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމެވެ. އެގޮތުން މިހާރު ސަރުކާރުން ކުރިއަށް ގެންދާ "ހިޔާ" މަޝްރޫއުގެ ދަށުން އަޅާ 7000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން އެތަކެއް ހާސް ރައްޔިތުން ދަނީ ރެއެއް ދުވާލެއް ނުބަލައި އެކަމަށް ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް އަދިވެސް ގިނަ ބަޔަކަށް ވަރަށް ބޮޑެތި ދަތި އުނދަގޫތައް އެބަހުއްޓެވެ.

މެއި 6، 2018: "ހިޔާ"ގެ ފުލެޓްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލުމުން ފުލެޓްތަކަށް ދަރުބާރުގޭގައި ބަޔަކު ފޯމު ނަގައިގެން ދަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައުސިންގ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަޙްމަދު ފަޒާލް ޙުސައިން ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ށަކުވާތަކަށް ބަލައި އިތުރު ލުއިފަސޭހަތަކެއް ދިނުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހާރު އެންމެ ގިނަ ބަޔަކަށް އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވާ އެއް ކަމަކީ އުފަން ދުވަހުގެ ސެޓްފިކެޓް ހުށަހަޅަން ޖެހުން ކަމަށްވާތީ އެކަމަށްވެސް ލުޔެއް ދޭން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ނިންމާފައި މިވަނީ، ދަފްތަރަށް ކަނޑައަޅާފައިވާ ކެޓަގަރީއަށް ކުރިމަތިލާ މީހުން ފިޔަވައި، ދެން ފްލެޓަށް ކުރިމަތިލާ އެއްވެސް ފަރާތަކަށް އުފަންދުވަހުގެ ސެޓްފިކޭޓް ހުށަހަޅަން ނުޖެހޭގޮތަށް،" ފަޒާލް ވިދާޅުވިއެވެ.

ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ ރަށްރަށުގެ ކައުންސިލްތަކާއި އަދި މާލޭ ސިޓީ ކައުންސިލުންވެސް ވެސް އުފަންދުވަހުގެ ސެޓްފި ހެއްދުމުގައި ހަރާކާތްތެރި ވެއްޖެއެވެ. އަދިވެސް ގިނަބަޔަކު އެމަސައްކަތާ ހެދި ފޯމުތައް ނުނިމި ހުރީއެވެ.

ފަޒާލް ވިދާޅުވީ، މިހާރު ހަމަޖެހިފައިވާ ގޮތުން، ދަފްތަރު މީހުން ފިޔަވައި އެއްވެސް ބަޔަކަށް ފްލެޓް ފޯމާއެކު އުފަންދުވަހުގެ ސެޓްފިކެޓް ހުށަހަޅަން މަޖްބޫރު ނޫން ކަމަށެވެ.

މެއި 6، 2018: ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ"ގެ ފުލެޓްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލާ ފުލެޓްތަކަށް ކުރިމަތި ލުމަށް ފޯމު ދޫކުރަން ދަރުބާރުގޭގައި ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފްލެޓް ފޯމު ހުށަހެޅާއިރު، އެއާއެކު ބޭންކް ސްޓޭމަންޓެއް ހުށަހަޅަން ޖެހުމަކީވެސް އެކަމަށް ވަގުތު ހޭދަކުރާން ޖެހޭ ކަމެކެވެ. މިކަމަށްވެސް މިހާރު ހައުސިންގ މިނިސްޓްރީން ވަނީ ލުޔެއްދީފައެވެ. އެގޮތުން، އޮންލައިން ބޭންކިންގ މެދުވެރިކޮށް ޑައުންލޯޑްކުރާ ސްޓޭޓްމަންޓުވެސް އެންމެ ރަނގަޅުކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

"ބޭންކް ސްޓޭޓްމަންޓްގައި ބޭންކުގެ ސޮއި އަދި ސްޓޭމްޕް އޮތުން މަޖުބޫރެއް ނޫން. ޑައުންލޯޑްކުރާ ސްޓޭޓްމަންޓް ވެސް ބަލައިގަންނާނެ،" ފަޒާލް ވިދާޅުވިއެވެ.

މީގެ އިތުރުން ފޯމު ހުށަހަޅަން އަންނަ ފަރާތަކީ، ފޯމުގެ ވެރިފަރާތަށް ނުވާނަމަ، އެހެން މީހެއްގެ ހަވާލުގައި ފޯމު ފޮނުވާކަން އަންގައި "ޕަވަރ އޮފް އެޓަރނީ" އޮތުންވެސް ލާޒިމް ނޫންކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.

"ފޯމު ހަވާލުކުރާން އަންނަ މީހާއަށް ޕަވަރ އޮފް އެޓާނީ ބޭނުމެއް ނޫން. ބަދަލުގަ އަންނަ މީހާގެ އައިޑީ ކާޑު ހިފައިގެން އައިމަ ފޯމު ބަލައިގަންނާނެ."

މެއި 6، 2018: ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ"ގެ ފުލެޓްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލާ ފުލެޓްތަކަށް ކުރިމަތި ލުމަށް ފޯމު ދޫކުރަން ދަރުބާރުގޭގައި ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެން ފަހަރު ތަކާ ޚިލާފަށް ފޯމު ހުށަހަޅަން އަންނަ މީހުންގެ ކިއުގެ މައްސަލަ ހައްލުކުރުމަށްވެސް ހައުސިންގ މިނިސްޓްރީން މިފަހަރު ވަނީ ލުއި މަގެއް ހޯދައިފައެވެ. އެގޮތުން، ކިއުޖެހިގެން ނަންބަރު ހޯދުމުގެ ބަދަލުގައި، ސްމާޓު ފޯނު އެޕެއް ކަމަށްވާ ކިއުބީ މެދުވެރިކޮށް ނަންބަރު ނެގޭނޭގޮތް ވަނީ ހަމަޖައްސައިފައެވެ.