20 Jun 2018, 23:23
ކޮންމެ އަހަރަކުވެސް ކޮކާ ކޯލާގެ ފަރާތުން ދިވެހިންނަށް ވޯލްޑް ކަޕް ތަޖުރިބާ ކޮށްލަން ހިލޭ ދަތުރުތަކެއް ދޭ އިރު، މިއަހަރުގެ ވޯލްޑް ކަޕަށްދާ ދިވެހިންގެ ފުރަތަމަ ބެޗު މިއަދު މޮސްކޯއަށް ފުރައިފިއެވެ.
މިއަހަރު ކޮކާ ކޯލާގެ ފަރާތުން 30 ދިވެހިން ރަޝިއާއަށް ގެންދަން ހަމަޖެހިފައިވާ އިރު، މިއަދު ފުރީ 10 މީހުންގެ ބެޗެކެވެ. މިއަދުގެ ފުރި 10 މީހުންވެސް ދާނީ ރަޝިއާގެ ވެރިރަށް މޮސްކޯއަށެވެ. އެ 10 މީހުންވެސް ބެލުމަށް ހަމަޖެހިފައި ވަނީ މިމަހު 23 ވަނަ ދުވަހު ގްރޫޕް ސްޓޭޖުގައި ބެލްޖިއަމްއާއި ޓިއުނީޝިއާ ކުޅޭ މެޗެވެ.
ކޮކާ ކޯލާގެ ފަރާތުން ކޮންމެ ފަހަރަކުވެސް ދިވެހިންގެ ތެރެއިން ބަޔަކު ވޯލްޑް ކަޕަށް ފޮނުވަމުންދާ އިރު، މިއަހަރުވެސް 30 މީހުން ހޮވާފައި ވަނީ ނަސީބު ކޫޕަން ނަގައިގެންނެވެ. ނަސީބުން ހޮވޭ ފަރާތްތަކަށް ހުރިހާ ހަރަދެއް ކޮކާ ކޯލާއިން ދީގެން ވޯލްޑް ކަޕް މެޗެއް ބަލާލުމަށް ދެވޭ އިރު، ސްޓޭޑިއަމްގެ ރަނގަޅު ހިސާބަކުން ދާ އެންމެނަށްވެސް މެޗު ބެލޭނެ ކަމަށް ކޮކާ ކޯލާއިން ބުނެއެވެ.
ކޮކާ ކޯލާގެ ފަރާތުން ފޮނުވާ ދެވަނަ ބެޗު މިމަހުގެ 30 ވަނަ ދުވަހު ރަޝިއާއަށް ފުރާ އިރު، އެ ބެޗުގައި ދާ މީހުންނަށް ގަދަ 16ގެ މެޗެއް ބަލާލުމަށް ފުރުސަތު ލިބޭނެއެވެ.
ކޮކާ ކޯލާއަކީ ވޯލްޑް ކަޕްގެ އެންމެ ލޯޔަލް އެއް ސްޕޮންސަރެވެ. ކޮކާ ކޯލާގެ ޓްރޮފީ ޓުއާގައި ވޯލްޑް ކަޕްގެ އަސްލު ތަށިވެސް މިފަހަރު ވަނީ ރާއްޖެއަށް ގެނެސްފައެވެ. މީގެ އިތުރުންވެސް ވޯލްޑް ކަޕާ ގުޅިގެން ކޮކާ ކޯލާއިން އަބަދުވެސް ގިނަ ހަރަކާތްތަކެއް ހިންގަމުން ދެއެވެ.