20 Jun 2018, 19:23
މިއަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ބީގައި ކުޅުނު ދެ މެޗުންވެސް ބަލިވެ، މޮރޮކޯއިން މުބާރާތާ އަލްވަދާއު ކިޔައިފިއެވެ.
މޮސްކޯގެ ލުޒްނީކީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ވާދަކުރީ ޕޯޗުގަލްއާއި މޮރޮކޯއެވެ. ޕޯޗުގަލްއިން މޮރޮކޯ ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ގޯލް ޖެހީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މިރޭގެ ޕޯޗުގަލް މެޗަށް ނުކުތީ އުންމީދު ބޮޑުކޮށެވެ. ފުރަތަމަ މެޗުގައި ސްޕެއިން އަތުން ޕޮއިންޓެއް ހޯދައިގެން މިރޭގެ މެޗަށް ނުކުތް އިރު، ހުރިހާ ލޯތަކެއް އަމާޒުވެފައި އޮތީ ސްޕެއިން މެޗުގައި ހެޓްރިކް ހެދި ރޮނާލްޑޯއަށެވެ.

ޕޯޗުގަލްއާއި މޮރޮކޯ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/އޭޕީ
ހުރިހާ ޕްރެޝަރަކަށް ޖަވާބު ދިނުމަށް ރޮނާލްޑޯއަށް މާގިނައިރެއް ނުނެގިއެވެ. މެޗުގެ ހަތުރު ވަނަ މިނެޓްގައި ރޮނާލްޑޯ ޕޯޗުގަލްއަށް ލީޑު ނަގައިދިިނެވެ. މުޓީނިއޯގެ ކޯނަރު ބޮލުން ގޯލަށް ފޮނުވާލައިގެން ރޮނާލްޑޯ ލީޑު ނެގި އިރު، އެ ގޯލަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ޖެހި ހަތަރު ވަނަ ގޯލެވެ.
މިހާތަނަށް ރޮނާލްޑޯ ވަނީ ޕޯޗުގަލްއަށް ކުޅުނު 152 މެޗުން 85 ގޯލް ޖަހައިދީފައެވެ. މިރޭގެ ގޯލާއެކު ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓްގެ ދެވަނައަށް ޖެހިލައިފައެވެ. ކުރިން އެ ލިސްޓްގެ ދެވަނައިގައި އޮތީ ހަންގޭރީގެ ފޯވަޑް ޕުސްކަސްއެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިންގެ ލިސްޓްގެ އެއްވަނައިގައި އޮތީ އީރާންގެ ފޯވަޑް އަލީ ދާއީއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 109 ގޯލް ޖަހައިދީފައެވެ.

ޕޯޗުގަލްއާއި މޮރޮކޯ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/އޭޕީ
މިރޭގެ މެޗުގެ ކުރީކޮޅުގައި ޕޯޗުގަލްއިން ލީޑު ނެގި ނަމަވެސް، ހާފްގެ ބާކީ ބައިގައި ކުޅެފައިވަނީ މޮރޮކޯއިންނެވެ. އެގޮތުން އެޓީމުގެ ކުރިއަށް ކުޅެމުން ދިޔަ ހަކީމް ޒިޔެޗާއި ޔޫނުސް ބެލްހާންޑާގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ.
މެޗުގައި މޮރޮކޯއިން ގިނަ ހަމަލާތަކެއް އުފެއްދި އިރު، މެޗުން ސަލާމަތް ކޮށްދިނީ ކީޕަރު ރުއީ ޕެޓްރީޝިއޯއެވެ. އޭނާ ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ. އެގޮތުން ބެލްހާންޑާ ބޮލުން ފިނުވާލި ހަމަލާގެ އިތުރުން ޑިފެންޑަރު މެދީ ބެނާޝިއާގެ ހަމަލާތައްވެސް މެޗުގައި ފާހަގަކޮށްލެވުނެވެ.

ޕޯޗުގަލްއާއި މޮރޮކޯ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/އޭޕީ
ވޯލްޑް ކަޕްގެ ގްރޫޕް އޭ އަދި ބީގެ މެޗެއްވެސް މިރޭ އޮންނާނެއެވެ. 8:00ގައި އޮންނަ ގްރޫޕް އޭގެ މެޗުގައި ވާދަކުރާނީ އުރުގުއޭއާއި ސައުދީ އަރަބިއާއެވެ. އޭގެ ފަހުން 11:00ގައި އޮންނަ މެޗުގައި ވާދަކުރާނީ އިރާނާއި ސްޕެއިނެވެ.