10 Sep 2011, 13:05
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ ނުވަނަ ދުވަހަކީ ހާއްސަ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރުމަށް ޗައިލްޑް އެބިއުސިން ޕްރިވެންޝަން ސޮސައިޓީ ) ކެޕްސް( އިން ސަރުކާރަށް ގޮވާލައި އެވެ.
މާލެ އަތޮޅު ހުރައަށް ދަތުރު ގޮސް އުޅެނިކޮށް ހިރިޔާ ސްކޫލްގެ ހަތަރު ދަރިވަރަކާއި ސްކޫލްގެ ޕްރިންސިޕަލް މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން ކެޕްސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ފަސް މަރު"ގެ ހިތާމެވެރި ހާދިސާގައި މަރުވި ޕްރިންސިޕަލް ނާޒިމަކީ ތައުލީމް ހާސިލު ކުރެއްވުމަށްފަހު ރާއްޖޭން ބޭރުގައި ވަޒީފާ އަދާ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން ވެސް ގައުމަށް ހިދުމަތް ކުރެއްވުމުގެ އަޒުމުގައި ރާއްޖެ ވަޑައިގެން އުޅުއްވެވި ބޭފުޅެއް ކަމަށާއި އަލީ ނާޒިމަކީ ދަރިވަރުންގެ ފުރާނަ ސަލާމަތް ކުރަން ޖިހާދެއް ކޮށް ދުނިޔެ ދޫކުރެއްވެވި ބަތޮލެއް ކަމަށެވެ.
"... އަލީ ނާޒިމްގެ މަސައްކަތް ފާހަގަ ކުރައްވާ ސަރުކާރުން ވަކި ހާއްސަ ދުވަހެއްގެ ގޮތުގައި ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހު ނުވަނަ ވަނަ ދުވަސް ފާހަގަ ކުރުމަށް މި ޖަމިއްޔާއިން ސަރުކާރަށް ގޮވާލަމެވެ،" ކެޕްސްގެ ބަޔާނުގައި ބުނެފައި ވެއެވެ.
ވ. ފެލިދޫއަށް އުފަން ނާޒިމަކީ އޮސްޓްރޭލިއާގައި ލީޑަޝިޕް ޕޮލިސީ އެންޑް ޗޭންޖިން އިން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. އަދި 1992 ވަނަ އަހަރު އީޕީއެސްއެސްގެ ގެ ބެސްޓް އޯލް ރައުންޑަރެވެ. އެ ސްކޫލުގެ ވައިސް ކެޕްޓަންގެ އިތުރުން ކެޑޭޓް ކޮމާންޑާ ކަން ވެސް އޭނާ ކުރެއްވެވި އެވެ.
ތިން އަހަރުގެ ފިރިހެން ކުއްޖެއްގެ ބައްޕަ ކަމަށްވާ ނާޒިމްގެ ރައްޓެހިން ބުނާ ގޮތުގައި ލީޑަޝިޕް ނެގުމުގެ އިތުރުން އޭނާ އަކީ އެހެން މީހުންގެ ކަންކަމަށް ފެށުނީއްސުރެ ވެސް އިސްކަން ދެއްވާ ބޭފުޅެކެވެ.
އެ ޖަމިއްޔާއިން ބުނަނީ ސެޕްޓެމްބަރު ނުވައެއްގެ ހިތާމަވެރި ހާދިސާ ފަދަ އިތުރު ހިތާމައެއް ކުރިމަތިވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ކޭމްޕްތައް އިންތިޒާމް ކުރުމުގައި ފަންނީ ތަޖުރިބާހުރި ލައިފްގާޑުންގެ އެހީތެރިކަން ހޯދައި ދަރިވަރުންނަށް ފަތަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމް ސްކޫލްތަކުގައި ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.
ހުރާ ހާދިސާއާ ގުޅިގެން އެފަދަ ހާދިސާތަކުން ސަލާމަތްވުމަށް ކެޕްސްއިން ހާއްސަ ޕްރޮގްރާމެއް ހިންގުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.