އިންޑޮނޭޝިއާގައި ފެރީއެއް ބަންޑުން ޖަހާލުމުގެ ސަބަބުން އޭގެން ދަތުރުކުރި 192 މީހުން މަރުވެއްޖެއެވެ.

އެ ހާދިސާ ހިނގީ އިންޑޮނީޭޝިއާގެ ނޮދަން ސުމަޓްރާގެ ޓޯބާ ލޭކްގައެވެ.

އެ ހާދިސާގައި ބަންޑުން ޖަހާލި ސިނާރު ބަންގުން ޓުއަރިސްޓް ފެރީގައި 200 އަށް ވުރެ ގިނަ މީހުން ތިބިކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް މިއީ އެންމެ 60 މީހުން އުފުލުމަށް ހުއްދަ ދީފައިވާ ފެރީއެކެވެ.

ފެރީގައި ތިބި ގިނަ މީހުންނަކީ އީދާ ގުޅިގެން އެ ހިސާބަަށް ދަތުރުކުރި މީހުންނެވެ.

ނައްޓާލިތާ އެންމެ 20 މިނިޓް ތެރޭ ޖެހުނު ވަރުގަދަ ކޮޅިގަނޑާއެކު ފެރީ ވަނީ އަޑިއަށް ގޮސްފައެވެ.

އެ ހާދިސާގައި މަރުވި ގިނަ މީހުން ތިބީ ފެރީގެ އެންމެ އެތެރޭގައެވެ. އަދި ސަލާމަތްވި ގިނަ މީހުންނަކީ ފެރީގެ ޑެކްގައި ތިބި މީހުންނެވެ. މިހާތަނަށް ތިން މީހެއްގެ ހަށިގަނޑު ފެނިފައި ވާއިރު 18 މީހަކު ވަނީ ސަލާމަތްވެފައެވެ.

ފެރީގެ ކެޕްޓަން ސަލާމަތްވެފައިވާއިރު އޭނާގެ އާއިލާގެ ސަލާމަތަށްޓަކައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ފުލުހުން ވަނީ ކެޕްޓަންގެ އެެއްވެސް މައުލޫމާތެއް ހާމަކުރަން ދެކޮޅު ހަދާފައެވެ.

އިންޑޮނޭޝިއާގެ އިމަޖެންސީ ސާވިސާސްއިން ބުނީ އެ ހާދިސާގައި މަރުވި ގިނަ މީހުން ފެރީގެ އެންމެ އެތެރޭގައި ތިބި ކަމަށް ބެލެވޭ ކަމަށެވެ. ފެރީ ފެތުނު ލޭކަކީީ 505 މީޓަރު ފުން ލޭކެކެވެ. އެހެންކަމުން މަރުވި މީހުންގެ ހަށިގަނޑުތައް ނެގުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.