ފިނި މޫސުން ނުވަތަ ހާއްސަކޮށް ސްނޯ ތަޖުރިބާ ކޮށްލަން ލިބުމަކީ މަދު ދިވެހިންނަށް ނޫނީ ލިބިފައި ނެތް ފުރުސަތެކެވެ. ނަމަވެސް އެފަދަ މާހައުލެއް ތަޖުރިބާ ކޮށްލަން ބޭނުންވާ ދިވެހިން ގިނައެވެ. ހާއްސަކޮށް ކުޑަކުދިންނެވެ.

ފަރުވާލެއް ނެތެވެ. މި ރާއްޖޭގައި ތިބެގެން ވެސް އެފަދަ ތަޖުރިބާއެއް ކޮށްލަން ލިބުމުގެ ފުރުސަތު މިއަދު މިއޮތީ ފަހިވެފައެވެ. ކުރީގެ ސަލްޓަން ޕާކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ހުޅުވި ރަސްރަނި ބަގީޗާގައި ތަރައްގީ ކޮށްފައިވާ ވިންޓަ ޕާކުންނެވެ.

އެތައް ދުވަހެއްގެ އިންތިޒާރަށްފަހު އެތަން މިދިޔަ ހުކުރު ދުވަހު ރަސްމީކޮށް ހުޅުވި ނަމަވެސް، މިއަދަކީ އެތަން ތަޖުރިބާކޮށްލަން އާންމުންނަށް ހުޅުވާލާ ދުވަހެވެ. އެތަނަށް ވަނުމަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިފައިވާއިރު، ވަނުމަށް ނަގާ އަގުތަކަށް އިންސާފު ކުރާނީ ތިބޭފުޅުންނެވެ.

ވިންޓަ ތީމް ޕާކް ބޭރު: އާންމުންނަށް އެތަން ހުޅުވާލުމުގެ ކުރީން މިއަދު ވަނީ ނޫސްވެރިންނަށް އެތަން ދައްކާލާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންމެ ދުވަހަކު ވެސް ހުޅުވާފައި

ވިންޓަ ޕާކް މިއަދު އާންމުންނަށް ހުޅުވާލާއިރު، އެތަން އޮޕަރޭޓް ކުރާ ޑައިމަންޑް ވިންގުގެ އަމާޒަކީ އެތަން ބަންދު ނުކޮށް ހިދުމަތް ދިނުމެވެ. ނަމަވެސް އެފަދަ ބޮޑު ތަނެއްގެ މެއިންޓަނަންސް ބަލަހައްޓަން ޖެހޭތީވެ، ބައެއް ދުވަސްތަކުގައި ހުޅުވުން ވަނީ ލަސް ކޮށްފައެވެ.

ހުޅުވާފައި ހުންނަ ގަޑިތައް:

އާދީއްތަ ދުވަހު:

  • ހަވީރު 4:00 އިން 6:00 އަށް

  • ރޭގަނޑު 8:00 އިން 11:00 އަށް

ހޯމަ އިން ބުރާސްފަތި ދުވަހަށް:

  • ހެންދުނު 9:00 އިން ހަވީރު 6:00 އަށް

  • ރޭގަނޑު 8:00 އިން 11:00 އަށް

ހުކުރު ދުވަހު:

  • ހެނދުނު 6:00 އިން 11:00 އަށް

  • ހަވީރު 4:00 އިން 6:00 އަށް
  • ރޭގަނޑު 8:00 އިން 12:00 އަށް

ހޮނިހިރު ދުވަހު:

  • ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް

  • ރޭގަނޑު 8:00 އިން ރޭގަނޑު 12:00 އަށް

ސަރުކާރު ބަންދު ދުވަސްތައް:

  • ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް

  • ރޭގަނޑު 8:00 އިން ރޭގަނޑު 12:00 އަށް

އަދި ބަންދު ކުރުމުގެ 30 މިނެޓް ކުރީން ޓޮކެން ދޫކުރުން ހުއްޓާލާނެއެވެ.

ވަނުމަށް 20 ރުފިޔާ، ހުރިހާ ކަމަކަށް އެއްކޮށް 100 ރުފިޔާ

ރާއްޖޭގެ ތާރީހީ ކަޅުވަކަރު މިސްކިތް ނެގުމަށްފަހު އެތަނުގައި ހެދި ވިންޓަ ޕާކަށް ވަދެވޭނީ ޓިކެޓް ނަގައިގެންނެވެ. އެގޮތުން ޓިކެޓް ނެގުމުގެ ކުރިން ފުރަތަމަ ޖެހޭނީ ކިޔޫ ނަންބަރެއް ނަގާށެވެ.

ވިންޓަ ޕާކް އެތެރޭގައި ހުންނަ ޓޮކެން ސިސްޓަމުންނާއި ކިއު ނަންބަރު ދޫކުރާ މޯބައިލް އެޕްލިކޭޝަން، ކިޔޫބީ އެޕް މެދުވެރިކޮށް ވެސް އެކަން ވާނެއެވެ.

ނަގާ ޓޮކެން ނަންބަރު ޕާކް އިމާރާތުގެ ބޭރުގައި ހުރި ޓީވީއަކުން ފެންނާނެއެވެ. އަދި ނުވިތާކަށް ޓޮކެން ނަންބަރު ލައުޑް ސްޕީކަރުން ގޮވަންވެސް ގޮވާނެއެވެ. އެހެންކަމުން ކިއުގައި ނުޖެހި، ނުވަތަ އިމާރާތުގެ ބޭރުގައި ތިބޭކަށް ނުއެއް ޖެހޭނެއެވެ.

ވިންޓަ ތީމް ޕާކް އެތެރޭގައި ހިމެނޭ އައިސް ސްލައިޑް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަންބަރު ޖެހުމުން ދެން އެތެރެއަށް ވަންނަންވީއެވެ. މައި ގޭޓުން ވަދެ ކަނާތް ފަރާތުގައި ހުރި ޑެސްކުން ދެން ޖެހޭނީ ޓިކެޓް ގަންނާށެވެ.

އެގޮތުން އެތަނުގެ އެތެރެއަށް ވަނުމަށް އެންޓްރޭންސް ފީއެއްގެ ގޮތުގައި ވަކި ވަރެއް ނަގާއިރު، އެތަނުގެ އެތެރޭގައި ހުރި ކުޅިވަރުތަކަށް ވަކިން ޓިކެޓް ނެގިދާނެއެވެ. ނުވަތަ ބޭނުންނަމަ ހުރިހާ އެއްޗެއް ހިމެނޭ ޓިކެޓް ވެސް ނެގޭނެއެވެ.

  • ވިންޓަ ތީމް ޕާކަށް ވަނުމަށް: 20 ރުފިޔާ (ޖީއެސްޓީއާއެކު)

  • ސްލައިޑް ވަކިން: 10 ރުފިޔާ (ޖީއެސްޓީއާއެކު)
  • ސްކޭޓް ވަކިން: 40 ރުފިޔާ (ޖީއެސްޓީއާއެކު)
  • ސްނޯއާ ކުޅުން ހިލޭ

އޭގެ އިތުރުން ވިންޓަ ޕާކް އެތެރޭގައި ހުރި ކުޅިވަރުތައް ކުޅުމަށް ބޭނުންނަމަ، ހާއްސަ ޖެކެޓާއި ބޫޓު އަދި ސްކޭޓުކުރަން ބޭނުންނަމަ ސްކޭޓަށް އަރަންޖެހެ އެވެ. އެ އެއްޗެހި ބޭރަކުން ނުގެންދެވޭނެއެވެ. އެ އެއްޗެހި ޖެހޭނީ އެތަނުގެ އެތެރެއިން ކުއްޔަށް ނަގާށެވެ. ޖެކެޓާއި ބޫޓް އަދި ސްކޭޓިން ބޫޓުއެއްކޮށް 40 ރުފިޔާއަށް ލިބޭނެއެވެ.

ނަމަވެސް އަންގިއާއި އިސްޓާކީން ހުރިނަމަ އެ އެއްޗެހި ގެންދެވިދާނެއެވެ. ނަމަވެސް އެ އެއްޗެއް ވާންޖެހޭނީ ސާފުތާހިރު އެއްޗަކަށެވެ. ނޫންނަމަ އެ ބޭނުން ކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.

އަންގިއާއި އިސްޓާކީން ނެތްނަމަ ދެން ޖެހޭނީ އެތަނުން އެ އެއްޗެހި ގަންނާށެވެ. އަންގި ޖޯޑެއް 10 ރުފިޔާ އަދި އިސްޓާކީނުގެ ގޮތުން އަގު ތަފާތު ވެދާނެއެވެ.

ތިން ކުޅިވަރެއް، ކޮންމެ ކުޅިވަރަކަށް ވެސް ވަކި ވަގުތެއް

ވިންޓަ ޕާކްގައި ހިމެނެނީ ޖުމްލަ ތިން ކަމެކެވެ. އެއީ އައިސް ސްކޭޓިން ރިންކްއާއި އައިސް ސްލައިޑް އަދި ސްނޯ ފަން އޭރިއާއެވެ. އެގޮތުން ސްނޯ އޭރިއާއަށް ވަކި ހާއްސަ ޓިކެޓަކާ ނުލައި ވަދެ ކުޅެ މަޖާ ކުރެވޭނެއެވެ.

ނަމަވެސް ކޮންމެ ކުޅިވަރަކަށް ވެސް ވަކި ވަގުތެއް ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން އުމުރުން ހަ އަހަރުން މަތީގެ ކުދިންނަށް ބޭނުން ކުރެވޭ ސްކޭޓިން ރިންކްއަށް ވަދެ ސްކޭޓް ކުރެވޭނީ ޓިކެޓަކަށް 20 މިނެޓް ވަންދެންނެވެ. ވަގުތު ހަމަވުމުން ދެން އަނެއްކާވެސް ޖެހޭނީ ޓިކެޓެއް ގަންނާށެވެ. ނަމަވެސް އެތަނަށް ވަންނަން ނަގާ 20 ރުފިޔާގެ ޓިކެޓް އަލުން ގަންނާކަށް ނުޖެހޭނެއެވެ.

އައިސް ސްލައިޑް އުމުރުން ކޮންމެ މީހަކަށް ވެސް ބޭނުން ކުރެވޭނެއެެވެ. ނަމަވެސް ފަސް އަހަރުން ދަށުގެ ކުއްޖެއް ނަމަ، ބެލެނިވެރިއެއް ނުވަތަ ބޮޑު މީހަކު ހުންނަން ވާނެއެވެ. އައިސް ސްލައިޑް ބޭނުން ކުރެވޭނީ ޓިކެޓަކަށް ފަސް ފަހަރުއެވެ. ބުރު ހަމަވުމުން، އިތުރަށް ބޭނުންނަމަ ދެން ޖެހޭނީ އެ ކުޅިވަރަށް ހާއްސަ އިތުރު ޓިކެޓެއް ގަންނާށެވެ.

ފަސްޓް އެއިޑަށް މުވައްޒަފުން އަހުލުވެރި

ކޮންމެ ބެލެނިވެރިއެއްގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށް ވާނީ ކުއްޖާގެ ރައްކާތެރި ކަމެވެ. އެގޮތުން ތީމް ޕާކުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފުންނާއި މެނޭޖަރަކީވެސް ބޭސިކް ފަސްޓް އެއިޑަށް އަހުލުވެރި މީހުންނެވެ. އެހެންކަމުން ރައްކާތެރިކަމާމެދު ސުވާލެއް ނެތެވެ.

ވިންޓަ ޕާކް އެތެރޭގައި އޮތީ ކުޅިވަރު ކުޅުން އެކަންޏެއް ނޫނެވެ. ކުދިން ކުޅެން ދޫކޮށްފައި ބެލެނިވެރިންނަށް އެތަނުގެ އެތެރޭގައި ހުރި ދެ ބުރި ކެފޭގައި ކާ އެއްޗެހި ގަނެގެން ތިބެވޭނެ އެވެ. ނަމަވެސް ކާ އެއްޗެހި ހިފައިގެން ސްނޯ ސަރަހައްދަކަށް އަދި ތަނުގެ ބޭރުން ކާ އެއްޗެހި ހިފައިގެން އެތަނުގެ އެތެރެއަކަށް ވަނުމަކީ މަނާ ކަމެކެވެ.

އޭގެ އިތުރުން ޕްރޮފެޝަނަލް ކެމެރާ ވައްދައިގެން އެތަނުގައި ފޮޓޯ އަދި ވީޑިއޯގުރަފީ ކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް ފޯނުން ކިތަންމެ ވަރަކަށް ފޮޓޯ ނެގިއަސް މައްސަލައެއް ނެތެވެ.

އެކްސްކުލޫސިވް އަދި އިވެންޓުތަކަށްވެސް ތަން ދޫކުރާނެ

ތިޔަ ވިދާޅުވީ ރަނގަޅަށެވެ. ވިންޓަ ޕާކްގެ ކުޅިވަރުތައް ވެސް ބޭނުން ކުރެވޭ ގޮތަށް އެކްސްކުލޫސިވް އަދި އިވެންޓުތަކަށްވެސް އެތަން ދޫކުރަން ވަނީ ހަމަޖެހިފައެވެ. ކައިވެނި ހަފްލާވެސް ކުޑަކުއްޖެއްގެ ޕާޓީވެސް އެތަނުގައި ބޭއްވިދާނެއެވެ.

އެގޮތުން އެޑްވާންސް ކޮށް ގަޑިއިރަކަށް ޗާޖް ކުރާ ގޮތަށް މުޅި ޕާކް ދޫކުރާއިރު، އެތަނަށް ވަދެވޭނީ ގިނަ ވެގެން 70 މީހުންނަށެވެ.

އެގޮތުން ގަޑިއިރަކަށް ޗާޖު ކުރާނީ 10،000 ރުފިޔާއެވެ. އެންމެ ގިނަ ވެގެން އެތަން ދޫކުރަން ހަމަޖެހިފައިވަނީ ދެ ގަޑިއިރަށެވެ. ނަމަވެސް އިތުރު ކަންތައްތަކެއް ބޭނުންނަމަ ވާހަކަ ދައްކައިގެން އެކަމެއް ހަމަޖެއްސިދާނެއެވެ.