ލ. ގަމު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލްގައި ހުޅުޖަހައި އަންދާލައިފި އެވެ.

ފުލުހުން ބުނީ ގަމު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހެއްގެ މޮޓޯ ސައިކަލުގައި އަލިފާންޖަހައި އަންދާލާފައި ވަނީ ރޭގައި ކަމަށާއި އެ މައްސަލައާ ގުޅިގެން އެކަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ތުހުމަތަށް ހައްޔަރު ކުރީ ކާކު ކަމެއް ނުބުނެ އެވެ.

ރޯކޮށްލާފައި ވަނީ ގަމު ފުލުސް ސްޓޭޝަންގައި މަސައްކަތް ކުރާ އެރަށު މުކުރިމަގު އަވަށު، ވިލާޑި ސޯސަން ކޮންސްޓަބަލް އިބްރާހިމް ފިރާޝްގެ ސައިކަލެވެ. ފިރާޝްގެ ސައިކަލްގައި ހުޅުޖަހާފައި ވަނީ ރޭ ދަންވަރު 12.20 އެހާކަށް ހާއިރު އެވެ.

ފިރާޝް މިއަދު ބުނީ އޭނާގެ ދުއްވަމުން އަންނަ ޕަލްސާ ސައިކަލްގައި ހުޅުޖެހީ ސައިކަލް ގޭގައި ބަހައްޓާފައި ހުއްޓާ ކަމަށާއި ސައިކަލްގައި ރޯކޮށްލުމުގެ ސަބަބުން ގެއަށް ގެއްލުމެއް ނުލިބުނު ނަމަވެސް ގޭތެރެއަށް ބޯކޮށް ދުންވަދެ، އޭނާގެ ދެ މަހަށްދާ ދަރިފުޅަށް ދުމުގެ އަސަރުކޮށް ނޭވާލުމަށް އުނދަގޫތައް ދިމާވި ކަމަށެވެ.
"ދުމުގެ އަސަރުކޮށްގެން ވަރަށް ބޮޑަށް ނޭވާ ހާސްވެފައި ދަރިފުޅު އޮތީ، ނަމަވެސް ގެއިން ބޭރަށް ނެރެގެން އިރުކޮޅަކު ގެންގުޅުމުން ހަމައަކަށް އެޅިއްޖެ، އެހެންވެ ހޮސްޕިޓަލަކަށް ނުގެންދަން،" ފިރާޝް ބުންޏެވެ.

އޭނާ ބުނީ ދުއްވާތާ ތިން އަހަރުވެފައިވާ ސައިކަލުގައި ރޯކޮށްލީ ފުލުހުންގެ ވާޖިބު އަދާކުރުމުގައި އޭނާ ވަކި މީހަކަށް ނުބަލައި ފިޔަވަޅު އަޅާތީ ގެއްލުން ދޭނެ ކަމަށް ބުނެ ތަފާތު އިންޒާރުތައް ދިނިމަށް ފަހު ކަމަށެވެ.

" ތަފާތު އިންޒާރުތައް ލިބޭ، އަޅުގަނޑު ވާނީ އެ މައުލޫމާތު ފުލުހުންނަށް ވެސް ކުރިން ދީފައި،" ފިރާޝް ބުންޏެވެ.