ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރާއްޖޭގައި ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިޚާބު އޮބްޒާވު ކުރުމުގެ ސައުވަތު ހަތް ގައުމަކަށް ފޮނުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ އިންތިޚާބު އޮބްޒާވު ކުރުމަށް ޔޫރަޕްގެ ދެ ގައުމަކަށާއި ސާކްގެ ދެ ގައުމަކަށް އަދި އޭޝިއާ ޕެސިފިކްގެ ދެ ގައުމަކަށާއި އަރަބި ގައުމަކަށް ދައުވަތު ދީފައިވާ ކަމަށެވެ. މީގެ އިތުރުން އިންތިކާބު އޮބްޒާވު ކުރުމުގެ ދައުވަތު ބައިނަލްއަގުވާމީ ތިން ޖަމްއިއްޔާ އަކަށްވެސް ފޮނުވާފައިވާކަމަށް އީސީ އިން ބުނެއެވެ.

އީސީގެ މެންބަރު އަދި ސްޕޯކްސް ޕާސަން އަހުމަދު އަކްރަމް ސަން އަށް ވިދާޅުވީ އިންތިހާބު އޮބްޒާވުކުރުމުގެ ދައުވަތު ދިން ގައުމުތައް ކަނޑައެޅީ އިލެކްޝަންސް ކޮމިޝަންތަކާ ބެހޭ ބައިނަލް އަގުވާމީ ޖަމްއިއްޔާ ތަކާ ވާހަކަ ދައްކައި، އެ ޖަމްއިއްޔާ ތަކުގެ މަޝްވަރާ އާ އެކު ކަމަށެވެ.

އިންތިޚާބުގެ މޮނީޓަރުންނަށާއި އޮބްޒާވަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލުމުން އިތުރު ގައުމުތަކަށާއި ޖަމްއިއްޔާ ތަކަށްވެސް މޮނީޓަރުންނަށާއި އޮބްޒާވަރުންނަށް ވުމުގެ ފުރުސަތު އޮންނާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15 ގައި ހުޅުވާލާއިރު ވޯޓާސް ލިސްޓު މިމަހުގެ 10 ގައި ވަނީ އިއުލާނު ކޮށްފައެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުން މިރޭގެ 22:30 ގައި ހަމަވާނެއެވެ.