އިސްރާއިލާ މެދު ތަފާތު ކުރުން ގެންގުޅޭކަމަށް ބުނެ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އެމެރިކާ ވަކިވެއްޖެއެވެ.

އެމެރިއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކީ ހޭލީ ވިދާޅުވީ ދެފުށް ދެގޮތް ކައުންސިލެއްގައި އެމެރިކާ އޮތުމަކީ އެ ގައުމުން ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. ނިކީ ވިދާޅުވީ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަކީ އިސްނާނީ ހައްގުތަކަށް ހަޖޫ ޖަހާ ކައުންސިލެއް ކަމަށެވެ.

އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މައި ކައުންސިލުން އެމެރިކާ ވަކިވުމަކީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި ލިބުނު ދެރައެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އެމެރިކާގެ ނިންމުމާމެދު އދގެ ސެކްރެޓަރީ ޖެނެރަލް ނެރުއްވި ބަޔާނުގައި ވިދާޅުވީ ކައުންސިލުން އެމެރިކާ ވަކިނުވެ އޮތްނަމަ ރަނގަޅުވީސް ކަމަށެވެ. އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ޒައިދު ރާއަދު ބިން ހުސައިން ވިދާޅުވީ އެމެރިކާގެ ނިންމުމާމެދު ހައިރާން ނުވާ ކަމަށެވެ.

އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އެމެރިކާ ވަކިވުމުން އިސްރާއިލުން އެކަން ސިފަކުރީ ހިތްވަރުގަދަ ނިންމުމެއްގެ ގޮތުގައެވެ.

އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވަކިވާނެ ކަމަށް އެމެރިކާއިން މިދިޔަ އަހަރުވެސް ވަނީ ބުނެފައެވެ.

އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަންގެ ބަދަލުގައި ކައުންސިލެއް އދގައި އުފެއްދީ 2006 ވަނަ އަހަރުއެވެ. އެ ކައުންސިލްގައި ތިބޭ 47 މެންބަރުން ތިން އަހަރުގެ މުއްދަތަށް އިންތިޚާބު ކުރަނީ އދގެ އާންމު މަޖިލީހުންނެވެ.

މި ކައުންސިލުގައި ކޮންމެ ގައުމަކަށް ޖެހިޖެހިގެން ދެ ދައުރު އަދާކުރެވޭނެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި އެމެރިކާ ވަނީ ތިން އަހަރަށް މި ކައުންސިލް ބޯއިކޮޓް ކޮށްފައެވެ. އެއީ 2006 ވަނަ އަހަރުއެވެ. ކައުންސިލުގައި އެމެރިކާ އަލުން ބައިވެރިވީ އޮބާމާގެ ވެރިކަމުގައި 2009 ގައެވެ.