ރާއްޖެއިން ޖަޕާނަށް ކަނޑައެޅި އާ ސަފީރު އިބްރާހިމް އުވައިސް، ޖަޕާނުގެ އެމްޕެރާ އަކިހީޓޯއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

ޓޯކިޔޯ އިމްޕީރިއަލް ޕެލަސްގައި އިއްޔެ ހެނދުނު އޮތް ރަސްމިއްޔާތުގައި ސަފީރު އުވައިސްގެ އަރިހުގައި ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ އާދަމް ހާމިދުއާއި ސެކަންޑް ސެކްރެޓަރީ މުހައްމަދު ތަހުސީނު ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ޖަޕާނުގެ މިނިސްޓަރ އޮފް ޑިފެންސް އިސުނޯރީ އޮނޮޑޭރާއާއި އިމްޕީރިއަލް ހައުސްހޯލްޑްގެ ގްރޭންޑް މާސްޓަރ އޮފް ސެރެމޮނީސް ޔޮޝިޓަކާ އަކިމޮޓޯ ބައިވެރިވެވަޑައިގަތެވެ.

ރާއްޖެއާއި ޖަޕާނާ ދެމެދު ހާރިޖީ ގުޅުން ޤާއިމުކުރެވުނީ 14 ނޮވެމްބަރު 1967 ގައެވެ. ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން އުފެދުނުތާ 50 އަހަރު ފާހަގަކުރުމުގެ މުނާސަބަތާ ގުޅޭ ހަރަކާތްތަކެއް ވޭތުވެދިޔަ އަހަރާއި މިއަހަރުގެ ކުރީކޮޅު މާލެ އަދި ޓޯކިޔޯގައި ވަނީ ބާއްވާފައެވެ.

ޖަޕާނުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުނީ 10 މެއި 2007 ގައެވެ. ފުރަތަމަ ސަފީރުކަން ކުރެއްވި އަބްދުލްހަމީދު ޒަކަރިއްޔާއެވެ. އަދި ދެވަނައަށް ސަފީރުކަން ކުރެއްވީ ފޮރިން މިނިސްޓްރީގައި މިހާރު ސެކްރެޓަރީ ބައިލެޓަރަލްގެ މަގާމު އަދާކުރައްވާ އަހްމަދު ޚަލީލްއެވެ.

ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމު އެންމެ ފަހުން އަދާކުރެއްވީ މިހާރު ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފެވެ.

އުވައިސްއަކީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައެޅުއްވި ހަތަރުވަނަ ސަފީރެވެ.