ރާއްޖެ އިން އިންޑިއާގެ ރައްޔިތުންނަށް ވިސާ ނުދޭ ކަމަށް ބުނެ، އިންޑިއާގެ ބައެއް އޮފިޝަލުން ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ދެ ފަރާތުން މަޝްވަރާކުރަން ފަށައިފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ''ދަ ހިންދޫ'' ނޫހުން ބުނީ ވިސާގެ މައްސަލަ ހައްލުކުރުމަށް އިންޑިއާގެ އޮފިޝަލުންނާއި ރާއްޖޭގެ ޑިިޕްލޮމެޓުންނާ ދެމެދު މަޝްވަރާތައް ކުރަމުންގެންދާ ކަމަށެވެ.

ދަ ހިންދޫ ނޫހުން ބުނީ ވިސާގެ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހުގެ ފަހުން ދެ ފަހަރަކު ދެ ގައުމުގެ އޮފިޝަލުން ބައްދަލުކޮށްފައިވާ ކަމަށެވެ.

ވިސާގެ މައްސަލަ ހައްލުކޮށްދޭން އިންޑިއާގެ އެކްސްޓާނަަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަަރާޖް ވެސް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ކިބައިން އެދިފައިވާ ކަމަށް ދަ ހިންދޫ ނޫހުން ބުންޏެވެ.

ރާއްޖެ އިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވީ އިންޑިއާ ރައްޔިތުންނަށް ރާއްޖެ އިން ވިސާ ނުދޭ ކަމަށް ބުނާ މައްސަލައެއް އިންޑިއާގެ އެކްސްޓަނަލް މިނިސްޓްރީގެ ފަރާތުން އޭނާ އަށް ހުށަހަހަޅާފައިވާ ކަމަށާއި އެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ވިސާގެ މައްސަލާގައި ރާއްޖޭގެ އިމިގްރޭޝަނުން ބުނީ ރާއްޖެއިން ވިސާ ދިނުމުގައި އެއްވެސް ގައުމެއް ތަފާތު ނުކުރާ ކަމަށާއި ވަކި ގައުމަކަށް ވިސާ ނުދީ ނުހިފަހައްޓާ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް އިންޑިއާގެ 2621 މީހަކަށް ވިސާ ދޫކޮށްފައިވާނެ ކަމަށެވެ.

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންގެ ވޯކް ވިސާގެ މައްސަލަ ހައްލުކޮށްދިނުމަށް އިންޑިއާގެ ކެރެލާ ސްޓޭޓުގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން އެ ގައުމުގެ ސަރުކާރުގައި ދާދި ފަހުން ވަނީ އެދިފަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖަށް އެޑްރެސްކޮށް ޕިނަރަޔީ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އިންޑިއާގެ 30،000 އަށް ވުރެ ގިނަ ރައްޔިތުން ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ކެރެލާއަށް ނިސްބަތްވާ މީހުން ކަމަށެވެ.