20 Jun 2018, 11:05
އިއްޔެއަކީ ޖަޕާނުގެ ރައްޔިތުންނަށް އުފާވެރި ދުވަހެކެވެ. މި އަހަރުގެ ވޯލްޑް ކަޕްގައި އެ ގައުމުގެ ޓީމު ކުޅުނު ފުރަތަމަ މެޗުން ޓީމު މޮޅުވީ އެވެ.
ކޮލަމްބިއާ އާ ބައްދަލުކޮށް 1-2 ގެ ނަތީޖާ އަކުން ޖަޕާނު މޮޅުވި މެޗަށްފަހު މެޗު ކުޅުނު ސްޓޭޑިއަމްގެ ތެރެއިން އެގައުމުގެ ސަޕޯޓަރުންގެ ފަރާތުން ފެނުނީ ނަމޫނާ މަންޒަރެކެވެ.
އެމީހުން އިށީނދެ ތިބި ގޮނޑިތަކާއި އެ ސަރަހައްދުގައި ހުރި ކުނިތައް ނަގައި ސާފުކުރީއެވެ. އެމީހުން ދަނޑަށް ވަން އިރު އެތަން އޮތްހާ ސާފުކޮށް ބޭއްވުމަށް ސްޓޭޑިއަމްގެ ގޮނޑިތައް ހުރިސަރަހައްދަށް އަޅާފައި ހުރި ހުރިހާ ކުންޏެއް ހޮވައި، ތަން ސާފު ކުރިއެވެ.
މިއީ ޖަޕާނުގެ ގައުމީ ޓީމެއް މެޗެއް ކުޅުމަށްފަހު މެޗު ބަލަން ވަން ސަޕޯޓަރުން ސްޓޭޑިއަމް ސާފުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ޖަޕާނުގެ ނޫސްވެރިއަކާ ހަވާލާދީ ބީބީސީން ބުނީ މި ފެނުނީ ޖަޕާނުގެ ސަގާފަތުގެ ބައެއް ކަމަށެވެ.
ޖަޕާނުގެ އޮސާކާ ޔުނިވާސިޓީގައި ސޯޝިއޮލޮޖީ ކިޔަވައިދެއްވާ ޕްރޮފެސަރަކު ވިދާޅުވީ މިފަދަ އާދަތަކަކީ އެންމެ ކުޑައިރުއްސުރެ އެގައުމުގެ ކުދިންގެ ގައިގައި ހަރުލައްވާ އާދަތަކެއް ކަމަށާއި މިފަދަ ރީތި އާދަތަކަކީ ޖަޕާނުގެ ހުރިހާ ޖީލެއްގެ ކިބައިގައިވެސް ހަރުލާފައި ހުންނާނެ ރީތި އާދަތަކެއް ކަމަށެވެ.
ވޯލްޑްކަޕްގެ މެޗަށްފަހު ޖަޕާނު ކުޅުންތެރިންނާއި ސަޕޯޓަރުން ސްޓޭޑިއަމް ސާފުކުރާ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެމީހުންނަށް ދަނީ ތައުރީފުގެ ބަސްތައް އޮހެމުންނެވެ.
#Japanesefans clean up the area where they were seated after their#WorldCupRussia2018encounter. What an example. How wonderful !! well done ????????#japanpic.twitter.com/F7QFs6q7XY
— Leslie Ann Boisselle (@trinilab)June 19, 2018