20 Jun 2018, 11:17
ލ. މާބައިދޫ އިންޖީނުގެ ފަޅާލައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި އެތަނުގެ މެނޭޖަރާއި ހަތަރު މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފި އެވެ.
މާބައިދޫ ކައުންސިލުގެ ރައީސް އަލީ ފައިސަލް މިއަދު ވިދާޅުވީ، އެމީހުން ވަޒީފާ އިން ވަކިކުރި ކަމުގެ ޗިޓް ފޮނުވީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށާއި އިއްޔެއާ ޖެހެންދެން އެމީހުން ތިބީ ސަސްޕެންޝަންގައި ކަމަށެވެ.
ވަޒީފާ އިން ވަކިކުރި މީހުންގެ ތެރޭގައި އެ މައްސަލާގައި ހައްޔަރުކުރި މާބައިދޫ ފެނަކަ ބްރާންޗުގެ އޮފީސް ހިންގަން އޭރުހުރި މެނާޖަރާއި އެސިސްޓެންޓް މެނޭޖަރާއި ސުޕަވައިޒަރާއި އެޑްމިނިސްޓްރޭޓިވް އޮފިސަރާއި ޓެކްނިކަލް އޮފިސަރެއް ހިމެނެ އެވެ.
މާބައިދޫ ފެނަކައިން ހިންގާ އިންޖީނުގޭގައި ހުރި އެ ކުންފުނީގެ އޮފީސް ފަޅާލައި ތިޖޫރީގައި ހުރި 125،800 ރުފިޔާ ވަގަށް ގެންދިޔައީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރެ އެވެ.
ވަގަށް ގެންދިޔަ ފައިސާގެ ތެރޭގައި ރަށު ގެތަކުން ދައްކާފައި ހުރި ކަރަންޓް ފީގެ ފައިސާ އާއި ޕެޓީ ކޭޝްގެ އިތުރުން ކަރަންޓް ބިލުން ކަނޑާ ގޮތަށް ގޭގެއިން ދީފައި ހުރި ފައިސާ ހިމެނެ އެވެ.