މީގެ 15 ވަރަކަށް އަހަރު ކުރިން ޕްލޭންކޮށްފައިވާ ފިލްމު "ކަލަންކް"ގެ ޝޫޓިންގެ ތެރެއިން ކުޅަދާނަ ބަތަލާ އާލިއާ ބަޓް އަށް އަނިޔާ ވެއްޖެ އެވެ.

ބޭރުގެ ޚަބަރުތައް ބުނާ ގޮތުގައި ޝޫޓިން ކުރިއަށް ދަނިކޮށް އޭނާގެ ފަޔަށް ވަނީ އަނިޔާ ވެފަ އެވެ. ޝޫޓިންގެ ތެރެއިން އޭނާ އަށް އަނިޔާވީ ސިޑި ބޭނުން ކޮށްގެން ނަގަން އުޅުން މަންޒަރެއްގައި އޭނާގެ ފައި ކައްސާލައިގެން ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ދާދި ފަހުން ރަންބީރު ކަޕޫރާ އެކު އާލިއާ ފެނިގެންދާ ފިލްމު "ބްރަހަމަޝްތުރާ"ގެ ޝޫޓިން ކުރިއަށް ދަނިކޮށް ވެސް އޭނާ އަށް ވަނީ އަނިޔާ ލިބިފަ އެވެ.

ކަލަންކް އަދި ބްރަހަމަޝްތުރާގެ ޝޫޓިން އެއްކޮށް ކުރިއަށް ގެންދާއިރު މި ދުވަސްވަރަކީ އާލިއާ އަށް ވަރަށް ބިޒީ ދުވަސްކޮޅެކެވެ.

ދަރްމާ ޕްރޮޑަކްޝަން އާއި ނަޑިއަވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓުން ގުޅިގެން ގެނެސްދޭ އެ ފިލްމުގެ ތަރިންގެ ތެރޭގައި ލެޖެންޑް މާދުރީ ދިކްސިޓް، ބަތަލާ ސޮނާކްޝީ ސިންހާ، އާލިއާ ބަޓް، އަތިދްޔާ ރޯއީ ކަޕޫރު ހިމެނެ އެވެ. އަދި މީގެ އިތުރުން ބޮލީވުޑްގެ މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލު ވަރުން ދަވަން އަދި ސަންޖޭ ދަތު ވެސް އެ ފިލްމުން ފެނިގެންދާނެ އެވެ. އަދި ބަތަލު ކުނާލް ކޭމޫ ވެސް ފެނިގެންދާނެ އެވެ.

އަބީޝޭކް ވަރްމަން ޑައިރެކްޓްކުރާ އެ ފިލްމަކީ ފޮކްސް ސްޓާ ސްޓޫޑިއޯ އިން ގެނެސްދޭ ފިލްމެކެވެ.

"މިއީ 1940ގެ އަހަރުގެ ވާހަކަތަކެއް ކިޔާދޭނެ ފިލްމެއް. މި ފިލްމަކީ ކަރަން ޖޯހަރު އަދި ޔާޝް ޖޯހަރު މީގެ 15 އަހަރު ކުރިން ޕްލޭންކޮށްފައިވާ ފިލްމެއް،" ތަރަޝްގެ ޓްވީޓްގައި ބުނެފައިވެ އެވެ.

"ކަލަންކް" ރިލީޒްކުރާނީ އަންނަ އަހަރު އޭޕްރިލް މަހު 19ގަ އެވެ.