ގ. މަސްއޮޑިގެއަށް ރޭ ޒުވާނަކު ވައްދައި މާރާމާރީ ހިންގައި ޒަހަމްކޮށްލައިފި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ލިބިގެން އެކަން ހުއްޓުވުމަށް ފުރަތަމަ ދިޔަ ދެ ފުލުހުންނަށް ވެސް މާރާމާރީ ހިންގި ގްރޫޕުން ހަމަލާދީފައިވާ ކަމަށެވެ.

"ރޭ މަސްއޮޑިގެއަށް މީހަކު ވައްދައިގެން ވަނީ މާރާމާރީ ހިންގާފައި. އެކަން ހުއްޓުވުމަށް ފުރަތަމަ ދިޔަ ދެ ފުލުހުންނަށް ވެސް އެ މީހުން ވަނީ ހަމަލާދީފައި. އެގެއަށް ވައްދާފައި އޭރު ހުރި 23 އަހަރުގެ ޒުވާނާއަށާއި ދެ ފުލުހުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައްވެފައި." ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ރޭ ހިންގި އެ މާރާމާރީއާ ގުޅިގެން މިހާތަނަށް ކުޑަ ދެ ކުދިންނާ އެކު ޖުމްލަ 12 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމައްސަލަ މިހާރު ބަލަމުން ދާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެމާރާމާރީގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި މިހާރު ވެސް އަންނަނީ ފަރުވާ ދެމުންނެވެ.