ބޯލްޓަންގެ އަމިއްލަ ދަނޑުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ނުކުންނަ މެޗުގައި އެޓީމުގެ ޒުވާން ކީޕަރު ޑޭވިޑް ޑެގޭ އަށް އުނދަގޫތަކަކާއި ކުރިމަތި ކުރުވައި ޑެގޭ ޓެސްޓްކޮށްލާނެ ކަމަށް ބޯލްޓަންގެ ކެޕްޓަން ކެވިން ޑޭވިސް ބުނެފިއެވެ.

އެތުލެޓީކޯ މެޑްރިޑުން މިސީޒަނުގައި 18 މިލިޔަން ޕައުންޑަށް މެންޗެސްޓާ ޔުނައިޓެޑަށް ޑެގޭ ބަދަލުވި ފަހުން އިނގިރޭސި ލީގުގައި ކުޅެމުން އަންނަ ގޮތަށް ތައްޔާރުވުމަށް އުނދަގޫތަކަކާއި ކުރިމަތިވަމުން އަންނަކަން ފާހަގަވެއެވެ. އެހެންކަމުން ޑެގޭ ހަދާ މިސްޓޭކްތަކަށް ދަނީ ފާޑު ކިއުންތައް އަމާޒު ވަމުންނެވެ.

"އަހަރެންގެ ޔަގީންކޮށްދެން ގިނަ ހުރަސްތަކެއް މެޗުގައި ނަގާނެކަމަށް. މެންޗެސްޓާ ޔުނައިޓެޑާއެކު އަމިއްލަ ދަނޑުގައި ކުޅުމަށް އިންތިޒާރު ކުރިން. އެޓީމާ ކުޅޭ ފުރަތަމަ މެޗުވެސް މިވީ އެހެން. މިމެޗުގައި އެޓީމުގެ ޒުވާން ކީޕަރު ޑެގޭ ރަނގަޅަށް ޓެސްޓު ކޮށްލާނަން." ބޯލްޓަންގެ ކެޕްޓަން ކެވިން ޑޭވިސް ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑުގައި ހުރެ ފުރަތަމަ މެޗުތަކުން ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ޑެގޭގެ އަޒުމަށް އެއްވެސް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން އޭނާ ދީފައިވެއެވެ.

"ހުރިހާ ކަމެއް ގުޅިފައިވަނީ ރަނގަޅަށް ފަރިތަކޮށް އަޒުމާ އެއްގޮތަށް ކުރިއަށް ދިއުން. އެހެން ގައުމަކަށް އައިސް އެހެން ބަހަކުން ވާހަކަ ދެއްކުމަކީ އުނދަގޫކަމެއް. އެކަމަކު މަޑުމަޑުން މިތަނުގެ މާހައުލަށް ފެތިގެން ދާނެ." މެންޗެސްޓާ ޔުނައިޓެޑު ގޯލު ކީޕަރު ޑެގޭ ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ މެޗުގައި ޑެގޭގެ އިތުރުން ޒުވާން ޑިފެންޑަރު ފިލް ޖޯންސް އަށްވެސް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހޭނެކަމުގެ އިންޒާރުވެސް ކެވިން ޑޭވިސް ދީފައިވެއެވެ. މިދެޓީމު މިރޭ ނުކުންނައިރު މެންޗެސްޓާ ޔުނައިޓެޑަކީ ލީގުގެ އެއްވަނައިގައިވާ ޓީމެވެ. އަދި ބޯލްޓަންއަކީ ލީގުގެ 10 ވަނާގައި އޮތް ޓީމެވެ.