ދިރާގު ދިވެހި ލީގު ތިންވަނަ ބުރުގެ ފުރަތަމަ މެޗު ވީބީ ފަސޭހަކަމާއެކު ވެލެންސިއާ އަތުން މޮޅުވެއްޖެއެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗު 3-0 ލަނޑުން ވީބީ މޮޅުވުމުން އެއްވަނައިގައި އޮވެ ލީގު ނިންމާލުމުގެ ފުރުސަތު ބޮޑުވިއިރު، ވެލެންސިއާއަށް ވަނީ ގަދަ ހަތަރެއްގެ ޖާގަ ހަނިވެފައެވެ.

މެޗުގެ ކުރީ ކޮޅުގައި ވެލެންސިއާއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ފެނުނީ ފުރުސަތުތައް ބޭކާރު ވެގެން ދިޔަތަނެވެ. އެގޮތުން މެޗްގައި ވެލެންސިއާގެ ބިދޭސީ ކުޅުންތެރިޔާ އަވީލޯ އަދި އަހުމަދު ރިލުވާނަށް ލިބުނު ރަނުގެ ފުރުސަތުތައް ބޭކާރުވެފައި ވެއެވެ.

މެޗުގެ 29 ވަނަ މިނެޓުގައި ވެލެންސިއާގެ ގޯލު ވީބީއަށް ހުޅުވައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަބޫ ޑެސްމޮންޑް މަންސާރޭ އެވެ. މިލަނޑު އަބޫ ޖެހީ އިސްމާއިލް މުޙައްމަދު )އިއްސެ( ނަގައިދިން ހުރަހަކުން ބޯޅަ ލިބިގަނެ ޑިފެންޑަރުން ކައިރިން ކަޓުވާލުމަށް ފަހުއެވެ.

ވީބީއަށް މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އައްސަދު އަލީ (އަޑުބަރޭ) އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދިނެވެ. ފުރަތަމަ ހާފު ވީބީއިން ނިންމާލީ 2-0 ގެ ނަތީޖާއާއެކު ހިތްހަމަ ޖެހިގެނެވެ.
ދެވަނަ ހާފުގައި ވެސް ވެލެންސިއާ އަށް ފުރުސަތުތަކެއް ލިބުނު ނަމަވެސް ވީބީގެ ގޯލު ފޫ އަޅުވާލެވިފައެއް ނުވެއެވެ. ބަދަލުގައި ދެ ވަނަ ހާފުގައި ވެސް ވީބީއިން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މިލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށް ފަހު އެނބުރި އައި އަލީ އުމަރެވެ. މެޗުގެ ފަހު މިނެޓު ކޮޅުގެ ތެރޭގައި އަލީ އުމަރުގެ ބަދަލުގައި ކުޅެން ނުކުތް އަލީ އަޝްފާގު )ދަގަނޑޭ( އަށް ވެސް ލަނޑުޖަހަން ލިބި ލބޭކާރުވި އެވެ. ވީބީއިން ތިންޕޮއިންޓް ކަށަވަރު ކުރީ 3-0 މޮޅުވެގެނެވެ.

ވެލެންސިއާއަށް ގަދަ ހަތަރެއް ހަނިވިއިރު މިވަގުތު އެޓީމު އޮތީ ލީގުގެ ފަސް ވަނައިގައި 15 ޕޮއިންޓާއެކު އެވެ. ގަދަ ހަތަރަކުން ވެލެންސިޔާ ޖާގަ ހޯދަން ބޭނުންނަމަ ހުރިހާ މެޗަކުން މޮޅުވުމަށް އެޓީމަށް މަޖުބޫރުވާނެ އެވެ. ނަމަވެސް ގަދަ ހަތަރެއްގެ ޖާގަށް އޭރަށް ވެލެންސިއާއަށް ކަށަވަރުވާނީ ހަތަރުވަނާގައި އޮތް މާޒިޔާ ހުރިހާ މެޗަކުން ބަލިވެގެންނެވެ. ގަދަ ހަތަރެއްގެ ޖާގަ ވީބީ، ވިކްޓަރީ އަދި ނިއުއަށް ކަށަވަރުވީ އިރު މާޒިޔާއަށް ވެސް ފުރުސަތު ބޮޑެވެ.

އެހެން ޓީމުތަކުގެ ކޯޗުތަކެކޭ އެއްގޮތަށް ވީބީގެ ކޯޗް ވަންލީވެސް ބުނެފައިވަނީ ބޮޑު ބްރޭކަކަށް ފަހުގައާއި ވާދަވެރި މެޗުތަކެއް ނުކުޅެވުމުގެ ސަބަބުން އުނދަގޫތަކަކާއި ކުރިމަތި ލާން ޖެހުނު ކަމަށެވެ. އަނިޔާއެއްގެ ސަބަބުން ދަގަނޑޭ ފިޓްނޫން ކަންވެސް ވަންލީ ފާހަގަކޮށްފައި ވެއެވެ.

"ޓިމުގެ ކުޅުން ރަނގަޅު. ކުޅުންތެރިންގެ ދެއްކި މޮޅު ކުޅުމާމެދު އުފާކުރަން. ވާދަވެރި މެޗުތަކެއް ނުކުޅެ ދިގު ބްރޭކަކަށްފަހު މިހެން އަލުން ލީގަށް ކުޅެން ނުކުންނަން ޖެހުމުން އުނދަގުލާއި ކުރިމަތި ލާން ޖެހުނު. މެޗުގެ ކުރީކޮޅު ކޮންޓްރޯލު ހޯދުމަށް ފަސޭހަނުވި ނަމަވެސް ފަހުން ޓީމަށް ރަނގަޅަށް ކުޅެވުނު. ވެލެންސިއާގެ ކުޅުންތެރިންވެސް ވަރަށް ހިތްވަރުކޮށް މޮޅަށް ކުޅުނު." ވަންލީ ބުންޏެވެ.
"މެޗުގެ ފުރިހަމަ ވަގުތުގައި އަޝްފާގު ބޭނުން ނުކުރީ އޭނާ ފިޓްނޫން ކަމަށް ޓެސްޓުތަކުން ދެއްކީމަ. އަހަރެމެން ޖެހޭނެ ކޮންމެގޮތަކުން ވިޔަސް ގައުމަށް ވިސްނަން."

ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރުގައި އަނިޔާގައި ހުރުމަށްފަހު ކުޅެން ނުކުތް އަލީ އުމުރު ވީބީގެ ތިންވަނަ ލަނޑު ޖެހުމުން ޓީމުގެ އެހެން ކުޅުންތެރިން އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އަލީ އުމަރަށް ވީބީގެ ކޯޗު ވަންލީ ވެސް ތަޢުރީފް ކޮށްފައިވެއެވެ.

"އެހާ ގިނަ ދުވަސްތަކަކަށް ފަހު އަލީ އުމަރު ކުޅެން އަރާ މޮޅު ކުޅުމެއް ދެއްކި. މިދިޔަ ބުރުގައި އޭނާ އަނިޔާގައި ހުރުމުން ޓީމަށް އުނިކަމެއް ލިބުނު. އަލީ އުމަރަކީ އަދިވެސް ގައުމީ ޓީމަށް އެރޭނެ ކުޅުންތެރިއެއް. ކުއްލިއަކަށް އޭނާއަށް މޮޅު ހުނަރުތައް ނުދެއްކުނު ކަމަށް ވިޔަސް ގިނަ މެޗުތަކަކަށް ފަހު އެހުނަރުތައް ބޭނުން ކުރެވޭނެ. އަލީ އުމަރަކީ ހަގީގަތުގައިވެސް އާދަޔާ ޚިލާފު މޮޅު ކުޅުންތެރިއެއް." ކޯޗް ވަންލީ ބުންޏެވެ.

މެޗުން ބަލިވި ވެލެންސިއާ ޓީމުން ދެއްކި ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި އެކުޅުމުގެ ސަބަބުން ކުޅުންތެރިންނަށް ޓީމުގެ މެނޭޖުމަންޓޫގެ ހޫނު މަރުހަބާއަށް ކިޔާ ޝުކުރު އަދާކުރާކަމަށް ވެލެންސިއާ މެނޭޖަރު އަބްދުﷲ ޝިބާ ބުންޏެވެ.

"ޓީމުގެ ކުޅުންތެރިން ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް. ވަރަށް ގިނަ ފުރުސަތުތަކެއް ވެސް ލިބުނު. ނަމަވެސް ކަން ދިމާވިގޮތުން އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތަކަށް ނުހިފުނު. ނަމަވެސް އެއާ ހިލާފަށް ވީބީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެމީހުން ހިފި. އެއީ ހަމައެކަނި ދެޓީމުގެ ތަފާތަކީ ވެސް. ވީބީއަކީ ވެލެންސިއާ އާ އަޅާ ބަލާއިރު ވަރަށް މޮޅު ޓީމެއް. އެކަމަކު މިއަދުގެ މެޗުގައި ދެޓީމުގެ ކުޅުނު ހަމަހަމައޭ ބުނެވޭނީ."ޓީމުގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމަށް މެނޭޖުމަންޓުގެ ފަރާތުން މަރުހަބާ ކިޔައި ޝުކުރު އަދާކުރަން." މެނޭޖަރު ޝިބާ ބުންޏެވެ.

ދިރާގު ދިވެހި ލީގުގެ މެޗެއް މިއަދުވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. ގަލޮޅު ދަނޑުގައި މިއަދު ހަވީރު 16:00 ކުޅުމަށް ހަމަޖެހިފައިވަނީ ލީގުގެ ދެވަނާގައިވާ ވިކްޓަރީ ސްޕޯޓްސް ކުލަބާއި އެންމެ ފުލުގައިވާ އީގަލްސް އެވެ.