Back
Nov 24, 2025 SUN
SUN

ވިލި މުއައްސަސާ ކަޕްގެ ގުރު ނަގައިފި

ވިލި މުއައްސަސާ ކަޕްގެ ގުރު ނަގައިފި
Lead photo

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ވިލިމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުޒުކީ މެރިން ވިލި މުއައްސަސާ ކަޕް 2018ގެ ގުރުއަތުލުން ބާއްވައިފި އެވެ.

މިއަދު އެމްޓީސީސީ ޓަވަރުގެ ބޯޑު ރޫމްގައި ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގެ ހަފްލާގައި މުބާރާތުގައި ވާދަކުރާ ޓީމުތަކާއި އިންތިޒާމް ކޮމިޓީގެ އިތުރުން ބައެއް ޕާޓްނަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.

މި އަހަރު މުބާރާތުގައި 13 ޓީމު ބައިވެރިވެފައިވާ އިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވަނީ ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.

ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އަދި ދެވަނައަށް ދާ އަށް ޓީމު، މުބާރާތުގެ ކުއާޓާއަށް ދަތުރުކުރާ އިރު، ގްރޫޕް ސްޓޭޖުން ކަޓާނީ ފަސް ޓީމެކެވެ.

މިއަދު ބޭއްވި ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މުބާރާތުގައި ބައިވެރިވުމަށް ކޮންމެ އަހަރަކު ވެސް ހާއްސަ ދެ ޓީމަކަށް ދައުވަތުދޭ އިރު، މި އަހަރުގެ މުބާރާތުގައި ދައުވަތު ދީގެން ބައިވެރިވި ދެ ޓީމަކީ ވިލިޖޯލި (މޯލްޑިވިއަން ރެޑް ކްރަސެންޓް) އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޓީމެވެ.

ވިލި މުއައްސަސާ ކަޕްގެ ގްރޫޕްތައް:

ގްރޫޕް އޭ:މޯލްޑިވްސް ގޭސް (އެންމެފަހުގެ ޗެމްޕިއަން)، ކްލަބު ވެމްކޯ، އެމްޓީސީސީ، ސްޓެލްކޯ ވިލިމާލެ

ގްރޫޕް ބީ:އެމްއާރްސީސީ ކޯސްޓްގާޑް، ދިރާގު، އެސްޓީއޯ

ގްރޫޕް ސީ:ވިލިމާލެ ޕޮލިސް، ޔޫތު އެންޑް ސްޕޯޓްސް، ވިލިޖޯލި

ގްރޫޕް ޑީ:އެފްސީ ވިލިމާލެ ހިޔާ، އުރީދޫ މޯލްޑިވްސް، އެމްޑަބްލިއުއެސްސީ ވިލިމާލެ

މިއަދު ބޭއްވި ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަދުގެ ގުރުއަތުގެ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކްލަބު އެމްޓީސީސީގެ ޗެއާމަން ހުސައިން ޒުހުރީ ވިދާޅުވީ ވިލި މުއައްސަސާ ކަޕްގެ މުބާރާތަކީ ވިލިމާލޭގެ ކޮމިއުނިޓީ ޝާމިލްވާ ގޮތަށް ކުރިއަށް ގެންދާ މުބާރާތަކަށް ވާތީ ވީހާ ވެސް ބޮޑަށް މުއައްސަސާތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ކަމަށެވެ. ހާއްސަކޮށް މިއަހަރުގެ މުބާރާތް ކުރީ އަހަރަށް ވުރެ ފޯރި ގަދަވާނެ ކަމަށް ޒުހުރީ ވިދާޅުވެފައިވާ އިރު، އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މުބާރާތް އިތުރު ޓީމުތަކާ އެކު ފޯރިގަދަކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

ޓީމުތަކުގެ ފަރާތުން ވާހަކަ ދައްކަމުން ބުނެފައި ވަނީ ވިލިގިލީގެ ކޮމިއުނިޓީއަށް އަމާޒުކޮށް ކްލަބު އެމްޓީސީސީ އާއި ވިލިމާލޭ އެމްޓީސީސީ ޔުނިޓުން މުބާރާތެއް އިންތިޒާމް ކުރުމުގެ ސަބަބުން ވިލިގިލީގެ ކޮމިއުނިޓީއަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާ ކަމަށެވެ. ހާއްސަކޮށް އެކުވެރި މާހައެލެއްގައި ހުރިހާ މުއައްސަސާތަކަށް ވެސް ދެކެ ފަރިތަވެލަން ފުރުސަތު ލިބޭ ކަމަށް ވެސް ޓީމުތަކުން ފާހަގަކޮށްފައިވެ އެވެ.

މިއަދު ބޭއްވި ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިދިޔަ އަހަރު ވެސް އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފަ އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ނުވަ ޓީމަކުން ބައިވެރިވެފައިވާ އިރު، ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.

މި އަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިން އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics