19 Jun 2018, 18:44
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެގައުމުގެ އަސްކަރިއްޔާއިން ޖައްވުގައި ހަރަކާތްތެރިވާނެ ސިފައިންގެ ލަޝްކަރެއް އުފެއްދުމަށް އަމުރުކުރައްވައިފައެވެ.
ޓްރަމްޕްގެ އެ ނިންމުމާއެކު ޖައްވީ ލަޝްކަރު ވެެގެން ދަނީ އެމެރިކާގެ އަސްކަރިއްޔާގެ ހަވަނަ ގޮތްޕަށެވެ. މިހާރު އެމެރިކާގެ އަސްކަރިއްޔާގައި ހިމެނޭ ގޮފިތަކުގެ ތެރޭގައި އާމީއާއި ނޭވީއާއި މެރިން ކޯޕްސްގެ އިތުުރުން ކޯސްޓްގާޑާއި އަދި އެއާ ފޯސް ހިމެނެއެވެ.
ޖައްވީ ލަޝްކަރެއް އުފައްދަން ޓްރަމްޕް ނިންމެވިޔަސް އެކަން ކުރެވޭނީ އެމެރިކާގެ ކޮންގްރެސްގެ ރުހުން ލިބިގެންނެވެ.
"We are going to have the air force and we are going to have the space force": President Trump discusses plans for "sixth branch of the armed forces" at Nat'l Space Council meetinghttps://t.co/BU6U5hnobWpic.twitter.com/W0QgSnCeLQ
— CBS News (@CBSNews)June 18, 2018
ޓްރަމްޕް ވިދާޅުވީ ޖައްވުގައި އެމެރިކާއިން ގާއިމުވެގެން ހަމައެކަނި ތިބެންވީ ނޫން ކަމަށާއި އަދި ޖައްވުގައި ރަޝިއާއާއި ޗައިނާގެ މައްޗަށް އެމެރިކާއިން ކުރި ހޯދަން ޖެހޭ ކަމަށެވެ. އަދި ޖައްވުގައި އެމެރިކާއިން އުފައްދާ ލަޝްކަރު އެގައުމުގެ ވައިގެ ސިފައިންނާ އެއްވަރަކަށް ކުރިއަށް ގެންދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އަމާޒަކީ ހަނދަށް އެސްޓްރޮނޯޓުން އަނެއްކާވެސް ފޮނުވައި އަދި އޭގެ ފަހުން މާސްއަށް އެސްޓްރޮނޯޓުން ފޮނުވުން ކަމަށެވެ.
ޖައްވީ ލަޝްކަރެއް އުފެއްދުމަށް އެމެރިކާގެެ ކުރީގެ ޑިފެންސް މިނިސްޓަރު ޑޮނަލްޑް ރަމްސްފެލްޑްވެސް ކުރިން ހުށަހެޅުއްވިއެވެ. ނަމަވެސް އޭގެން އެއްވެސް ނަތީޖާއެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.