ސޯލް (ސެޕްޓެމްބަރ 10) : އުތުރު ކޮރެޔާގެ އެއަރޕޯޓަކަށް އެމެރިކާގެ ޢަސްކަރީ މަތިންދާ ބޯޓެއް ގަދަބާރުން ތިރިކުރަން މަޖްބޫރު ކުރުވައިފި ކަމަށް ދެކުނު ކޮރެޔާގެ ނޫހަކުން ބުނެފިއެވެ.

ސޯލްގައި ނުކުންނަ ދުވަހު ނޫހެއް ކަމަށްވާ "ޝޫޝޫން" ބުނިގޮތުގައި އުތުރުކޮރެޔާއިން އެޤައުމުގެ އެއަރޕޯޓަކަށް ތިރިކުރުމަށް އެމެރިކާގެ ޢަސްކަރީ މަތިންދާ ބޯޓަކަށް މަޖްބޫރުކޮށްފައިވަނީ އެބޯޓުގައި ބޭނުންކުރަމުންގެންދިޔަ އެއަރ ނެވިގޭޝަން ސިސްޓަމްގެ ބާރު ކަނޑުވާލައިގެންނެވެ.

އުތުރުކޮރެޔާ މިކަން ކޮށްފައިވަނީ ބާރުގަދަ އިލެްޓޯނިކް ޑިވައިސް އެއް ބޭނުންކޮށްގެން ކަމަށާއި އެމެރިކާގެ ބޯޓް ބޭނުންކުރި އެއަރ ނެވިގޭޝަން ސިސްޓަމް ޑިސްރަޕްޓް ކޮށްލުމުން އެމެރިކާގެ ބޯޓު ވެއްޓިދާނެ ކަމުގެ ބިރު ހީވުމާއެކު އުތުރުކޮރެޔާގެ އެއަރޕޯޓެއްގައި ކުއްލި ގޮތަކަށް އެމެރިކާގެ ބޯޓު ޖެއްސީ ކަމަށް މި ނޫސް ބުނެއެވެ.

މިކަން ހިނގާފައިވަނީ މިދިޔަ މާރްޗްމަހު ދެކުނު ކޮރެޔާއާއި އެމެރިކާ ސިފައިން ގުޅިގެން ޢަސްކަރީ ފަރިތަކުރުންތަކެއް ހިންގަމުން ގެންދިޔަ ދުވަސްވަރެއްގައި ކަމަށާ މިޙާދިޘާ އުތުރުކޮރެޔާއިންނާއި އެމެރިކާއިންވެސް ސިއްރު ކޮށްފައިވާ ކަމަށް ދެކުނު ކޮރެޔާގެ ނޫސް ބުނެއެވެ. (ރޮއިޓާސް)