ސައުތު އޭޝިއާ ސަރަހައްދުގައިދޭ ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގެ އިވެލުއޭޝަންސް ފަށައިފިއެވެ.

ހައިރައިޒްއިން އިންތިޒާމު ކުރާ ސަޓާގެ އިވެލުއޭޝަން ޕެނަލްގައި ހިމެނެނީ ދާއިރާގެ ތަޖުރިބާކާރު ކަނބަލުންނެވެ.

ސަޓާގެ އިވެލުއޭޝަން ފަށާފައި ވަނީ ރާއްޖެއިންނެވެ. މިއަދުން ފެށިގެން މިމަހުގެ 24ގެ ނިޔަލަށް މޫކައި ހޮޓަލްގައި ރާއްޖޭގެ އިވެލުއޭޝަން ކުރިއަށް ގެންދާ އިރު ދެން އޮންނާނީ ލަންކާގެ އިވެލުއޭޝަންސްއެވެ.

ސަޓާ އެވޯޑަށް ރާއްޖޭގެ އިތުރުން ސްރީލަންކާ، އިންޑިއާ، ބޫޓާން އަދި ނޭޕާލުން ވާދަކުރެއެވެ. ކޮންމެ ގައުމަކުންވެސް ކުރިމަތިލާފައިވާ ފަރާތްތަކަށް ޖަޖުކުރާނީ އެ ގައުމެއްގައެވެ.

ސަޓާ 2018ގެ ޖަޖިން ޕެނަލްގައި ހިމެނެނީ ސްރީ ލަންކާގެ ޓޫރިޒަމް ދާއިރާގައި 30 އަށް ވުރެ ގިނަ ދުވަހު ހަރަކާތްތެރިވެފައިވާ އަމާލް ގުނަޓިލަކަ، އިންޑިއާގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ރިންކޫ މަދަން އަދި ރާއްޖެއިން ހިންނާ ޚާލިދެވެ. ހިންނާއަކީ ސަރުކާރަށް 25 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ މަސައްކަތުގެ ދާއިރާގައި ތަޖުރިބާކާރެކެވެ.

ނޮމިނޭޝަންތައް އިވެލުއޭޓު ކުރާއިރު، ކޮންމެ ފަރާތަކުންވެސް 10 މިނެޓުގެ ޕްރެޒެންޓޭޝަނެއް ދޭން ޖެހޭނެއެވެ. ޕްރެޒެންޓޭޝަން ދޭން ޖެހޭނީ ދާއިރާގެ ތަޖުރިބާކާރު ޖަޖުންގެ ޕެނަލްއެއްގެ ކުރިމަތީގައެވެ.

މާލޭގެ އިތުރުން ސްރީލަންކާގެ ކޮލަމްބޯ، އިންޑިއާގެ ބެންގަލޫރު އަދި ނިއުދިއްލީ، ބޫޓާންގެ ޕަރޯ އަދި ނޭޕާލްގެ ކަތުމަންޑޫގައި އިވެލުއޭޝަން ކުރިއަށްދާނެއެވެ.

މިއަހަރު ސަޓާގެ ގާލާ އޮންނާނީ ސެޕްޓެމްބަރު މަހުގެ 14-15 އަށް އިންޑިއާގެ މުމްބާއީގައެވެ.

ފާއިތުވި ދެ އަހަރުވެސް ސަޓާގެ އެންމެ ގިނަ އެވޯޑު ލިބިފައިވަނީ ރާއްޖެއަށެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް 24 އެވޯޑު ލިބުނު އިރު އޭގެ ކުރީ އަހަރު ރާއްޖެއަށް ވަނީ 18 އެވޯޑެއް ލިބިފައެވެ.