ޗައިނާއިން އެމެރިކާ އަށް އެތެރެކުރާ އިތުރު މުދާތަކުން ޓެރިފް ނަގަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

މި ޓެކުހަކީ ވިޔަފާރީގެ ނަހަމަ ފައިދާ ޗައިނާއިން ނަގާކަމަށްބުނެ އެމެރިކާއިން ޗައިނާގެ އުފެއްދުންތަކުން ނަގަން ނިންމާފައިވާ ޓެކުހެއް ކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ.

މިފަހަރު ޓްރަމްޕް އިންޒާރު ދެއްވީ އިތުރު ބާވަތްތަކަކުން 10 ޕަސެންޓްގެ ޓެރިފެއް ނަގަން ޖެހިދާނެ ކަމަށް ވިދާޅުވެއެވެ. ގިނަ އަހަރުތަކެއް ވަންދެން އެމެރިކާއާއި ޗައިނާ އާ ދެމެދު ކުރަމުން ގޮސްފައިވާ ވިޔަފާރީގެ ނަހަމަ ފައިދާ ޗައިނާއިން ނަގާކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕްގެ ވާހަކަތައް ޗައިނާއިން ސިފަކޮށްފައިވަނީ "ބިރުދެއްކުމުގެ އަމަލެއް" ގެ ގޮތުގައެވެ. އެމެރިކާއިން އަޅާ ފިޔަވަޅެއްގެ އަސަރު ޗައިނާއަށް ނުކުރާނެ ކަމަށް ވެސް ޗައިނާއިން ވަނީ ބުނެފައެވެ.

ޗައިނާއިން އެތެރެކުރާ މުދަލުގެ ތެރެއިން ޓެރިފް ނެގިދާނެ އިތުރު މުދާތައް ބެލުމަށް ޓްރަމްޕް ވަނީ މިހާރު އަންގަވައިފައެވެ.

މި މުދާތަކުން ޓެރިފް ނަގާނީ "ޗައިނާގެ އަމަލުތައް ބަދަލު ނުކޮށްފި ނަމަ" ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދެމުން ޗައިނާއިން ބުނީ އެމެރިކާގެ ވާހަކަތައް އަމަލުން ދައްކައިފިނަމަ ޗައިނާއިންވެސް އެފަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.