19 Jun 2018, 11:19
ކައިރި މުސްތަގުބަލެއްގައި ކައިވެނި ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް، ހުނަރުވެރި އެކްޓަރު ރަންބީރު ކަޕޫރު ބުނެފިއެވެ.
ރަންބީރު އެހެން ބުނެފައި ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސަންޖޫ" ޕްރޮމޯޓު ކުރުމަށް ފޮކްސް ސްޓާގެ ޓުވިޓާ މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންނާ ވާހަކަ ދައްކަމުންނެވެ.
މީހަކު ވަނީ ރަންބީރު ކައިވެނި ކުރާނީ ކޮން ދުވަހަކުންތޯ ސުވާލު ކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެމުން ރަންބީރު ބުނެފައި ވަނީ އުންމީދަކީ ކައިރި މުސްތަގުބަލެއްގައި ކައިވެނި ކުރެވުން ކަމަށެވެ.
ކައިވެންޏާ ގުޅޭގޮތުން ރަންބީރު ވާހަކަ ދައްކައިފައި މިވަނީ ބަތަލާ އާލިއާ ބަޓް އާދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކުރިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.
ރަންބީރު ބުނީ ދެމީހުންގެ ގުޅުމާ ބެހޭގޮތުން ވާހަކަ ދެއްކޭ ވަރަށް ވުރެ އެ ގުޅުން އަދި މާ ބޮޑަށް އައު ކަމަށެވެ.
ރަންބީރުގެ އިތުރުން ވަރަށް ފަހުން އާލިއާ ވެސް ވަނީ ކައިވެނީގެ ޕްލޭންތަކާއި ގުޅޭގޮތުން ވާހަކަ ދައްކައިފައެވެ. އާލިއާ ބުނީ ކައިވެނި ކުރުމުގެ ވިސްނުން އަދި ނެތް ނަމަވެސް، އުމުރުން 30 އަހަރުވުމުގެ ކުރިން ކައިވެނި ކޮށްފާނެ ކަމަށެވެ.
ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދިފައި ވަނީ، އަޔާން މުކަރްޖީގެ ކުރިއަށް އޮތް ފިލްމު "ބްރަހްމާޝްތުރާ"ގެ ޝޫޓިންގެ ތެރެއިންނެވެ.
"ބްރަހްމަޝްތުރާ" އަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ތިން ފިލްމުގެ މައްޗަށް ހިމެނޭ ފިލްމު ސީރީޒެކެވެ. މިއީ އަޔާން މުކަރްޖީގެ ފުރަތަމަ ފެންޓަސީ ފިލްމެވެ. ފިލްމުގައި ރަންބީރު ފެނިގެން ދާނީ އާދަޔާ ޚިލާފު ބާރުތަކެއް ލިބިފައިވާ މީހެއްގެ ރޯލުންނެވެ.
މިއީ ރަންބީރާއި އާލިއާ އެކުގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ދެމީހުންގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން އަމީތާބް ބައްޗަން އަދި މޯނީ ރޯއީ ވެސް ފެނިގެން ދާނެއެވެ.
ސީރީޒްގެ ފުރަތަމަ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 15 ވަނަ ދުވަހުއެވެ.