އއ. އުކަޅަސް ކައިރީގައި އޮތް ސަފާރީއެއްގައި ހުރި މީހެއްގެ ބޯފަޅައިގެން ގޮސް، ހާލު ސިރިއަސްވާތީ، އޭނާ ކޯސްޓްގާޑުން މާލެ ގެނެސްފި އެވެ.

އެމްއެންޑީއެފުން ބުނީ "ކަޕާ ވީތާ" ކިޔާ ސަފާރީއެއްގައި މަސައްކަތް ކުރާ، މ. އޮއެދުނި، ވިޝާލް އަލީ،22، ބޯފަޅައިގެން ގޮސްގެން ކޯސްޓް ގާޑުން އޭނާ މާލެ ގެނެސްފައި ވަނީ ރޭ ދަންވަރު 12:35ގައި ކަމަށެވެ.

ވިޝާލްގެ ބޯފަޅައިގެން ދިޔައީ، އެމްއެންޑީއެފުން ބުނި ގޮތުގައި، ސަމާސާކޮށް، އެ އުޅަނދުގައި ތިބި ޓޫރިސްޓުން އޭނާ މޫދަށް އެއްލާލުމުގެ ތެރޭގައި ސަފާރީގެ ދާރައިގައި ބޯޖެހިގެންނެވެ. އަދި އެކަމުގެ ސަބަބުން އޭނާ އަށް އަނިޔާވެފައި ވާތީ އުކުޅަހު ސިއްހީ މަރުކަޒުގައި ފަރުވާދިނުމުން ވެސް އޭނާ ރަނގަޅު ނުވެ، އަދި ހާލު ސީރިއަސްވާތީ، އެމްއެންޑީއެފްގެ އެހީއަށް އެދުނު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އޭނާ އަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ.